03 Sep 2014, 12:32
ސިޔާސީ ބަޔަކާ ގުޅިގެން މުޒާހަރާކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ސީއެންއެމްގެ ނޫސްވެރިޔާ އަބްދުﷲ ހަސީން އިންކާރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ހަސީން ބުނީ ދައުވާއަށް އިންކާރުކުރާ ކަމަށާއި މުޒާހަރާތަކަށް އޭނާ ގޮސްފައި ވަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމަށް ކަމަށެވެ.
ހަސީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރާއި ލ. މާވަށް، ގުލްފާމުގޭ އަބްދުﷲ އިދުރީސްއާ ބައިވެރިވެގެން ފުލުހުންގެ ދައިރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ބުނެ އެވެ.
ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެ ތިން މީހުން އޯކިޑުމަގާއި ޗާންދަނީމަގާ ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެ މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑުތައް ކޮށްޕައި، ބެރިކޭޑުތަކުގެ ކުރިއަށް އަރައި ހަޑިހުތުރު ބަހުން ފުލުހުންނާ މުއާމަލާތްކޮށް ފުލުހުންގެ ދައިރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ.
ހަސީންގެ އިތުރުން ހާމިދު އާއި އިދުރީސް ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެ މައްސަލައިގެ ދެވަނަ ޝަރީއަތުގެ މަޖިލީސް ތާވަލްކޮށްފައި ވަނީ މިމަހުގެ 28 ވަނަ ދުވަހަށެވެ.
މިއަދުގެ ޝަރީއަތަށް ފަހު ސަން އަށް ދިން އިންޓަވިއުއެއްގައި ހަސީން ބުނީ މިއީ ނޫސްވެރިކަމާ ދެކޮޅަށް ކޮށްފައިވާ ދައުވާއެއް ކަމަށާއި ނޫސްވެރިއެއްގެ ހައިސިއްޔަތުން ނޫނީ އެއްވެސް މުޒާހަރާއެއްގައި އުޅެފައި ނުވާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހިނގާގޮތް ދެނެގަތުމަށް ލިބުނު ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.
"މިއީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހިނގާގޮތް ދެނެގަންނަން ލިބުނު ވަރަށް ބޮޑު ފުރުސަތެއް. މިއީ ލިބުނު ވަރަށް ބޮޑު ފިލާވަޅެއް،" ހަސީން ބުންޏެވެ.
ހަސީން ބުނީ އޭނާ އަކީ ދުވަހަކު ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެފައިވާ މީހެއް ނޫންކަމަށާއި އެކަން ޝަރީއަތަށް ސާބިތުކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ތިން މީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނޯންނާނެ. ޚާއްސަކޮށް ސިޔާސީ ބޭފުޅުން ހާމިދު އަބްދުލްޣަފޫރުމެން ފަދަ ބޭފުޅުންނަކީ. ދެން އެ އުޅެނީ އެމްޑީޕީގެ ބޭފުޅެއް. އަޅުގަނޑަކީ ސިޔާސީ ޕާޓީއެއްގައި ބައިވެރިވެފައި އޮތް މީހެއް ނޫން ދުވަހެއްގައި ވެސް،" ހަސީން ބުންޏެވެ.