18 Jan 2011, 14:05
ސަރުކާރަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ މއ. ކޮށީގޭ މުހައްމަދު ސައީދު )ކޮށީގޭ ސައީދު( އަވަހާރަވެއްޖެ އެވެ. ކޮށީގޭ ސައީދަކީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދުގެ ބައްޕާފުޅެވެ. އުމުރުފުޅުން 68 އަހަރުގައި ސައީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު މިއަދު ހެނދުނު މެލޭޝިޔާގަ އެވެ. ސައީދަކީ ދިވެހި ސަރުކާރަށް 30 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަދާކުރެއްވެވި ވަޒީފާތަކުގެ ތެރޭގައި ބޮޑު އިސްޓޯރުގެ ސެކްރެޓަރީ ކަމާއި އެމްޖީބީއެސްގެ ސެކްރެޓަރީ ކަމާއި ޕްރޮވިންޝަލް އެފެއާޒް މިނިސްޓްރީގެ އަތޮޅުވެރިޔާގެ ބަދަލުގެ މަގާމާއި އެޓޯލްސް ޓްރޭޑް ސެންޓަރުގެ މެނޭޖަރު ކަމާއި އެޓޯލް ޑިވިޒަންގެ މެނޭޖަރު ކަމާއި އެޓޯލްސް މިނިސްޓްރީގެ ސްޕެޝަލް ޑިއުޓީ އޮފިސަރުކަން ހިމެނެ އެވެ. ސައީދު ސަރުކާރަށް ހިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ ޖުލައި 28، 1963 ގަ އެވެ. އަވަހާރަވިއިރު ހުންނެވީ މަގާމުން ވަކިވެވަޑައިގެންނެވެ. ސަރުކާރަށް ހިދުމަތް ކުރައްވައި ޕެންޝަން ލިބިވަޑައިގެންފައިވާ ސައީދު އަވަހާރަވިއިރު 11 ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.