03 Sep 2014, 12:18
މި އަހަރު ހައްޖަށްދާ ފަރާތްތަކަށް، ބޭންކުތަކުން 500 ޑޮލަރުގެ މަގުން ޑޮލަރު ވިއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ރާއްޖޭގައި ލައިސަންސްކޮށްގެން ހިންގާ ބޭންކުތައް މެދުވެރިކޮށް މި އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީއަރަބިޔާ އަށްދާ ފަރާތްތަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު ވިއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އެ އޮތޯރިޓީ އިން ބުނީ ހައްޖަށްދާ ފަރާތްތަކަށް ޑޮލަރު ވިއްކުމަށް ހަމަޖެހިފައި ވަނީ ހައްޖުގެ ދަތުރާގުޅޭ ލިޔުން ގެންދިއުމުން ކަމަށެވެ.
ހައްޖަށްދާ ފަރާތްތަކަށް 500 ޑޮލަރު ވިއްކުމަށް އެމްއެމްއޭ އިން ހަމަޖައްސާފައިވާ އިރު، ބީއެމްއެލް އިން ވަނީ އެ ބޭންކްގެ މާލޭގެ ހުރިހާ ބްރާންޗަކުން ވެސް ރާއްޖެ އިން ބޭރަށްދާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރު ވިއްކުމަށް ނިންމައިފަ އެވެ. އެގޮތުން ޑޮލަރު ގަންނަންދާ ފަރާތްތަކުން އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އިތުރުން ރާއްޖެ އިން ބޭރަށް ދިއުމަށް ނަގާފައިވާ ޓިކެޓް ގެންދަން ޖެހެ އެވެ.