މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލެ އާއި މާލެއާ ދެމެދުގައި ކުރާ ފެރީ ދަތުރުތައް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވި ގޮތުގައި އެމްޕީއެލްއަކީ އާންމު ދަތުރުފަތުގެ ހިދުމަތް ނުދޭ ކުންފުންޏެއް ނަމަވެސް އެ ކުންފުނިން ހުޅުމާލޭ ފެރީގެ ދަތުރުތައް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އެއީ އާންމުންނަށް ބޮޑު ދައްޗަކާއި ކުރިމަތިވެފައިވާ ކަމަކަށްވުމުން އެކަން ހައްލުކުރުމަށް ކަމަށެވެ.

"އެމްޕީއެލް އިން މިވަނީ ޝައުގުވެރިކަން ފާޅުކޮށްފައި ދެން އެ ކުންފުނިން އެކަން ކުރާނެތޯ ނުވަތަ ނުކުރާނެތޯ ނިންމާނީ ސަރުކާރުން،" ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެމްޕީއެލް އިން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އާ ފެރީތަކެއް ހިދުމަތަށް ނެރުމަށާއި ފެރީތަކުގެ ދުވެލި މިހާރަށް ވުރެ ބާރު ކުރުމަށެވެ.

އެކަމާ ގުޅޭ ގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ހަސަން ޒިޔަތު ވިދާޅުވީ އެމްޕީއެލް އިން އެފަދަ ޝައުގުވެރިކަމެއް ފާޅުކޮށްފައިވާ ކަމަށާއި އެކަމާ މެދުގޮތެއް ނިންމުމަށް އެޗްޑީސީގެ ބޯޑަށް އެކަން ހުށައަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ފެރީގެ މައްސަލަ ހައްލުކުރަން. އެކަން ކުރުމަށް އެމްޓީސީސީ އާއި އެމްޕީއެލް އާއި އެކު ވެސް މަޝްވަރާތައް ކުރާނަން،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ އެމްޕީއެލް އިން އެ ފާޅުކުރި ޝައުގުވެރިކަން އެޗްޑީސީ އިން ދިރާސާ ކުރާނެ ކަމަށެވެ.

ހުޅުމާލޭ ފެރީގެ ހިދުމަތަކީ އާންމުންގެ ބޮޑު ޝަކުވާއެއް މިހާރު ކުރަމުންދާ މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.