03 Sep 2014, 11:51
ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ނުވަ ބޭފުޅަކު ކުރިމަތި ލައްވައިފި އެވެ.
ޖުޑިޝަލް ސާވީސް ކޮމިޝަން [ ޖޭއެސްސީ]އިން ބުނީ އެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ތިން އަންހެން ބޭފުޅަކާއި ހަ ފިރިހެން ބޭފުޅުން ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ސިވިލް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އާއި ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވްގެ އައިޝަތު ރިޒްނާގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު އެވެ.
ދެން ކުރިމަތި ލައްވާފައި ވަނީ ސިވިލް ކޯޓުގެ ގާޒީ ހުސެއިން މަޒީދު، ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖާމީލް މޫސާ، ކުރިމިނަލް ކޯޓުގެ ގާޒީ މުހްތާޒް ފަހުމީ، ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދު، ޖޭއެސްސީގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ހުޅުމާލޭ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ހަސަން އަލީ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލި މުއްދަތު ހަމަވެފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
ނުވަ ފަނޑިޔާރުން ހިމެނޭ ހައި ކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިއުލާންކޮށްފައި ވަނީ ހައި ކޯޓުގެ ނުވަ ފަނޑިޔާރުގެ ތެރެއިން އިސް ފަނޑިޔާރު އަހްމަދު ޝަރީފް ޖުވައިނަލް ކޯޓަށް ބަދަލު ކުރުމުންނެވެ.
ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީގައި ނަގާ ވޯޓު ސިއްރު ކުރާ ގޮތަށް، ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ އާ ގަވައިދެއް މިދިޔަ އޯގަސްޓް މަހު ވަނީ އާންމުކޮށްފަ އެވެ.
އެ ގަވައިދުގައި ބުނެފައިވާ ގޮތުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅާނެ ސިއްރު ވޯޓު ނަގަނީ އިންޓަވިއު އިން އެންމެ މަތީ މާކްސް ލިބިފައިވާ މީހުންގެ ތަރުތީބުންނެވެ. އަދި ދެ މީހަކަށް އެއްވަރަކަށް މާކްސް ލިބިފައިވާ ނަމަ އެންމެ ފުރަތަމަ ވޯޓައް އަހާނެ މީހަކު ބަލާނީ ގުރުއަތަކުން ކަމަށް ވެސް އެ ގަވައިދުގައިވެ އެވެ. ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް މާކްސް ދޭނެ ގޮތުގެ ތަފްސީލް އެ ގަވައިދުގައި ހިމަނާފައިވެ އެވެ. އެ ގަވައިދުގައިވާ ގޮތުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކާއި ކުރާނެ ސުވާލުތައް ކަނޑައަޅައި ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާނީ އެ ކަމަށް ހޮވާ އިންޓަވިއު ޕެނަލަކުންނެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ދެ ބައި ކުޅައި އެއްބައި މާކްސް ނުލިބޭ ފަރާތްތައް ޑިސްކޮލިފައިވާނެ ކަމަށް ބުނެފައިވެ އެވެ.