03 Sep 2014, 10:44
އެޕަލްގެ އުފެއްދުންތަކަށް ޝައުގުވެރިވާ ފަރާތްތަކުގެ އިންތިޒާރު އެ ދުވަހަކަށް ހުއްޓިފައިވާ "ސެޕްޓެމްބަރު 9 " އަންނަން މަދު ދުވަސްކޮޅަކަށް ވެފައި ވީ ނަމަވެސް އެ "ތާރީޚް" ފިޔަވައި އެޕަލް ކުންފުނިން މިއަހަރަށް ތައްޔާރު ކޮށްފައިވާ އެއްވެސް އުފެއްދުމެއްގެ މައުލޫމާތެއް އަދި ނޭނގެ އެވެ.
އެޕަލް ކުންފުނީގެ އުފެއްދުން ތަކަށް ލޯބިޖެހިފައިވާ ފަރާތްތަކުގެ ކެތްތެރިކަން ކޮޅުންލައިގެން ދާއިރު ހުރިހާ އެންމެންގެ ހިތުގައިވެސް އުފެދިފައި ވަނީ އެންމެ ސުވާލެކެވެ. އެޕަލް ކުންފުނީގެ ބާނީ އަދި ކުރީގެ ސީއީއޯ އާ ނުލާ ކުރިން އެ ކުންފުނިން ހަދަމުން އައި ފަދަ މޮޅު ތަކެތި ހެދޭނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެވެ. ޖަވާބު ލިބެން އޮތީ ހަމަ "9 ސެޕްޓެމްބަރު" ގައެވެ.
މީގެ މަހެއްހާ ދުވަސް ކުރިން "ލީކް"ވި އެޕަލްގެ ޕްރޮޑަކްޓަކާ ބެހޭ ބައެއް މައުލޫމާތުތައް ޔަގީން ކުރެވުނީ 28 އޯގަސްޓުގެ މެންދުރެއްހާ އިރު އެޕަލް ކުންފުނިން ނެރުނު ސްޓޭޓްމަޓުގެ ސަބަބުންނެވެ. އެޕަލްގެ ސްޓޮކަށް ކުޑަ ވަރެއްގެ 'ބޫސްޓެއް' އެ ހަބަރުގެ ސަބަބުން ލިބުނު ކަމުގައި ވިޔަސް އެއިން ޕްރޮޑަކްޓާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފެއް ނުވިއެވެ. ހަމަ އެކަނި އެނގުނުހާ ވެސް ކަމަކީ އެޕަލްގެ ޕްރޮޑަކްޓް ލޯންޗުކުރުން އޮތް ދުވަހެވެ.
"އެންމެންވެސް ވަގުތު ބޭނުންވާނެ ކަންކަން ރަނގަޅަށް އެނގެން. އެއް އިރެއްގައި ވެސް އެއްވަނައަށް އައުމަކީ އަހަރެމެންގެ މަގްސަދެއް ނޫން. ނަމަވެސް އެންމެ ރަނގަޅުވުން. އެހެން ކަމުން އަހަރެމެންވެސް ބޭނުންވަނީ ހުރިހާ ކަމެއް ވެސް އެންމެ ރަނގަޅު ވަގުތުގައި ގެނެސްދިނުން،" ކުރިއަށް ހުރި ކަންތައް ތަކަށް އިންތިޒާރު ކުރުމަށް އެދި މިހާރުގެ ސީއީއޯ ޓިމް ކުކް ވިދާޅުވެފައިވެ އެވެ.
ދޭދޭ ވާހަކަ ތަކުން އިވޭގޮތުގައި އެޕަލް އިން އާ ދެ އުފެއްދުމެއް ދައްކާލާނެ އެވެ. ބޮޑު ސްކްރީނެއްގެ އައި އައިފޯނަކާއި ސްމާޓް ވޮޗް "އައިވޮޗް" 9 ސެޕްޓެމްބަރުގައި ކެލިފޯނިއާގައި ލޯންޗުކުރާނެ ވާހަކައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކެއް އެޕަލް ކުންފުނިން ޔަގީންކޮށްދީފައެއް ނުވެއެވެ. ހުރިހާ ސުވާލު ތަކަށް ޖަވާބު ލިބެން އޮތީ މިމަހު ނުވަވަނަ ދުވަހު އެވެ.