03 Sep 2014, 10:34
މިއަދު ހެނދުނު 8:00 ޖަހާކަންހާ އިރު ބުރުޒުމަގުގެ މެދެއްހާ ހިސާބުގައި ފެންބޮޑުވުމުގެ ސަބަބުން "ތާށިވެ" ހުއްޓިފައި ހުރީމެވެ. މަގުގެ އެކި ހިސާބުތަކުގައި އަހަރެންގެ އިތުރުން ވެސް އެތައް ބަޔަކު ތިބީ ހަމަ އެ ހާލުގަ އެވެ. އަހަރެން އެގޮތަށް މަޑުކޮށްލައިގެން ހުރި 15 ވަރަކަށް މިނެޓް ތެރޭގައި ފެނުނީ ހިތާމަވެރި ހިތްދަތިމަންޒަރުތަކެކެވެ. ދިވެހިންގެ ވެރިރަށުގައި ދިވެހިން އުޅެންޖެހޭ ހިތްދަތި ހާލެވެ.
އާދައިގެ މަތިން ވާރޭ ފޮދެއް ވެހިލާ އިރަށް މާލޭގެ އެންމެ ބޮޑަށް ފެންބޮޑުވާ މަގުތަކެކޭ އެހެނިހެން މަގުތަކެކޭ މިއަދު ތަފާތެއް ނެތެވެ. އެންމެ ތިލަކޮށް ފެންގަނޑު ބޮޑުވި ހިސާބުތަކުގައި ވެސް ފައިގެ ތަނބިކައްޓަށް ވުރެ މައްޗަށް ފެންގަނޑު އަރާފައިވާ އިރު އަނެއްބައި ހިސާބުތަކުގައި ކަކުލާ ހިސާބަށް ފެންގަނޑު ނާރާހުރީ ހަމަކިރިޔާ އެވެ.
އެވަގުތަކީ މީހުން އޮފީހަށް ދިޔަ ވަގުތަށް ވެފައި ގިނަ ބަޔަކު މަގުތަކުގައި ހިނގާބިނގާވެ އުޅުނީ ވަރަށް ވެސް އުނދަގޫ ހާލެއްގަ އެވެ. އަރައިގެން ހުރި ބޫޓް އަތަށް ލައިގެން ހިނގާފައި އެއްބަޔަކު ދިޔައިރު ސައިކަލްތަކުގައި ދިޔަ މީހުން ދިޔައީ ފެންގަނޑުގެ ތެރޭ ތެމި ފޯވެގެންނެވެ. ބުރުގާ އަޅައިގެންނާއި އަދި ބުރުގާ ނާޅައި ތިބި ޖިންސުއްލަތީފުން ވެސް އެމީހުންގެ ރީތި އަންނައުނު ތެމިދާނެތީ މަގުގައި ހިނގަންޖެހުނީ އެންމެންގެ ކުރިމަތީގައި ކަކުލަށް ވުރެ ކުޑަތަންކޮޅެއް ތިރިޔަށް ހުންނަ ވަރަށް ފައިކުރި އޮޅައިގެންނެވެ. ބެލެނިވެރިން ސްކޫލަށް ދަރިވަރުން ގެންދަން ޖެހެނީ އުރައިގެންނެވެ. ބެލެނިވެރިން ތިބީ ތެމި ފޯވެފަ އެވެ.
"މައްސަލައެއް ނެތެއްނު އަހަރެމެން މިހާލުގައި އުޅުނަސް، ވެރިން އޮފީހަށް ދުރުވާނީ ކާރުކޮޅުގައި ވިއްޔާ. ވާރޭ ކޮޅެއް ވެހިއްޖިއްޔާ އަބަދުވެސް މިހާލެއްގައި އަހަރެމެން މިއުޅެން ޖެހެނީ،" ކާކޫތާފެނުގައި ހިނގާފައި އޮފީހަށް ދިޔަ މީހަކާ ވާހަކަ ދައްކާލުމުން އޭނާ ބުންޏެވެ.
ވާރޭ ފޮދެއް ވެހިލާއިރަށް މާލޭގައި ދިރިއުޅޭ ރައްޔިތުން އުޅެންޖެހެނީ ވަރަށް ވެސް ހާލުގަ އެވެ. ހަފްތާއެއްހާ ދުވަސް ވަންދެން އެކަމުގެ އުނދަގުލުގައި އުޅެންޖެހެ އެވެ. އެ ސަރަހައްދުގައި ހެދިފައި އޮތް ފެންގަނޑު ބޮޑުކަމުން ދުވާރުމަތިން ވެސް ހިނގާލާފައި ދެވޭވަރެއް ނުވެ އެވެ. އަދި ސައިކަލުގައި ވެސް ނުތެމި ދުއްވައި ނުލެވޭ ވަރަށް ފެންގަނޑު އޮތީ ބޮޑުވެފަ އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވިއްސާރަވުމަކީ "ބޮޑު ވޭނަކަށް" މިއަދު މިވަނީ ވެފަ އެވެ. ކިރިޔާ ވާރޭ ފޮދެއް ވެހިލާއިރަށް މި ވެރިރަށުގައި ހިނގާބިގާވެ އުޅެން ދަތިވެ ދުއްވާ އެއްޗިއްސަށް ދުއްވޭކަށް ނޯވެ އެވެ. މީހުންގެ އަގު ބޮޑެތި އުޅަނދުތައް ފެންގަނޑުގެ އަޑިންދާއިރު އަނެއްބަޔަކު މި ތިބެނީ މަގުގައި ހިނގާ ނުލެވިފަ އެވެ.
"ވާރޭ ފޮދެއް ވެހޭއިރަށް އަމީނީމަގު ކަހަލަ ބޮޑެތި މަގުތަކުގައި ދުއްވަން ހެޔޮނުވާނެ. ސަބަބަކީ އިންޖީނުގައި ފެންޖެހޭތީ. އެކަމުގެ ސަބަބުން ކާރަށް ގެއްލުންވެ ބޮޑު ހޭދައެއް އަތުން ކުރަންޖެހޭ،" 13 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ޓެކްސީ ކުރުމުގައި ހަރަކާތްތެރިވެފައިވާ އަލީ ހުސެއިން ބުންޏެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމަކީ މިހާރަކަށް އައިސް ދިމާވާ މައްސަލައެއް ނޫނެވެ. އެތައް ދުވަހެއް އެތައް އަހަރެއް ވެއްޖެ އެވެ. އެކަން ދިމާވި ފަހުން އެތައް ވެރިކަމެއް ނިމިގެން ވެސް ހިނގައްޖެ އެވެ. ކިރިޔާ ބޯކޮށް ވާރޭ ފޮދެއް ވެހޭއިރަށް އަމީނީމަގުގެ ބޮޑުބައެއްގައި ފެންބޮޑުވެ އެވެ. އަދި އޭގެ އިތުރުން މާލޭގެ އެކި ހިސާބުތަކުގައި އިންތިހާއަށް ފެންބޮޑުވެ އެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުން ވެސްޓްޕާކާ ދިމާލާއި ބުރުޒުމަގުގެ އެކި ސަރަހައްދުތަކުގެ އިތުރުން ހުޅުމާލޭ ފެރީ ޓާމިނަލްއާއި ދިމާލުން ބޮޑުތަކުރުފާނު މަގުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ.
ވިއްސާރަވުމާ އެކު މި ދިމާވާ ފެންބޮޑުވުމުގެ ވޭނުން، ރައްޔިތުން ސަލާމަތް ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން މިހާރަށް ވުރެ ބޮޑަށް ޒިންމާދާރު ވާންޖެހެ އެވެ. ބަޖެޓް ނެތް ކަމަށް ބުނެ ތިބެވޭ ވަރަށް ވުރެ އެއްްލައްކަ އަށް ވުރެ ގިނަ މީހުން ކުރަން ޖެހޭ ބަރުދާސްތައް ބޮޑެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން، މިހާރު ވަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔްއެސްސީ)އާ ހަވާލުކޮށްފަ އެވެ. މޭޔަރު މުހައްމަދު ޝިހާބް ވިދާޅުވީ އެ އެއްބަސްވުމަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ފެން ހިއްކުމަށް ބަހައްޓާފައިވާ ޕަންޕުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން އެ ޕަންޕުތައް މަރާމާތުކުރުމުގެ ޕްރޮޖެކްޓް ކަމަށެވެ.
"ފެންބޮޑުވުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް މިކަމުގެ ސަބަބުން ލިބިގެންދާނެ، ނަމަވެސް ފެންބޮޑުވުން އެއްކޮށް ނުހުއްޓުވޭނެ،" ޝިހާބް ވިދާޅުވި އެވެ.
ޝިހާބް ވިދާޅުވީ މާލޭގައި ފެންބޮޑުވުން އެއްކޮށް ހައްލުކުރުމަށް މަސައްކަތަކެއް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ވާނެ ދުވަހެއް ދައްނަވަން އަދި ނޭނގޭ ކަމަށެވެ.
މާލޭގެ މަގުތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު ސަރުކާރުގެ ވިސްނުން ހުރީ މާލޭގެ މަގުތައް މަރާމާތުކުރުމުގެ ބަދަލުގައި އަލުން ހެދުމަށް ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި ކޮންސަލްޓެންސީ މަސައްކަތް ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ މާދަމައަށް ބޭއްވޭނެ މައްސަލައެއް ކަމަކަށް ނުފެނެ އެވެ. މިއީ މާލޭގައި ދިރިއުޅޭ އެތަކެއް ހާސް ރައްޔިތުންނާ ސީދާ ގުޅިފައިވާ މައްސަލައެކެވެ. މިކަން ވީހާވެސް އަވަހަށް ހައްލުވާންޖެހެ އެވެ. ފެންބޮޑުވުމުގެ މައްސަލަ އެހެން ލެވެލްއަކަށް ދިޔުމުގެ ކުރިން މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދަން ޖެހެ އެވެ. އެއީ މިފަދަ ކޮންމެ ދުވަހެއްގައި އެތަކެއް ހާސް ދިވެހިން މި ވޭން އިހުސާސްކުރަން ޖެހޭތީ އެވެ.