03 Sep 2014, 10:19
ވޮޝިންޓަން (ސެޕްޓެމްބަރ 3): އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަރުކަށި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރަހީނު ކޮށްގެން އުޅޭ އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ ސްޓީވަން ސޮޓްލޯފްގެ ކަރު ބުރިކޮށްލައިގެން އޭނާ ކަތިލާ މަންޒަރު ދައްކައިދޭ ވީޑިޔޯއެއް އެ ޖަމާއަތުން އާންމު ކުރުމުން އެމެރިކާ އާއި ހުޅަނގުގެ ބާރުތަކަށް ޝޮކެއް ލިބިއްޖެ އެވެ.
ވައިޓް ހައުސްއިން ބުނީ މިއީ އިންސާނުންނަށް ބަލަން ނުކެރޭފަދަ "ބާބެރިޒަމް"ގެ ޖަނަވާރު އަމަލެއް ކަމަށާ ނަމަވެސް މިއީ ހަގީގީ ވީޑިޔޯއެއްކަން ކަށަވަރު ނުވާ ކަމުގައެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން ވިދާޅުވީ މި ވަހުޝީ އަމަލުގެ ސަބަބުން އެމެރިކާއަށް ޝޮކެއް ލިބިފައިވާ ކަމަށާއި ސްޓީވަން ސޮޓްލޯފް ގެ އާއިލާއާއެކުގައި އެމެރިކާގެ ރައްޔިތުން ވާ ކަމުގައެވެ.
އެމެރިކާގެ މަސްއޫލުވެރިއެއްގެ ވާހަކާގައި އެމެރިކާ ބޮން އަޅައިގެންނާއި މިސައިލް ހަމަލާދީގެން އިރާގާއި ޕާކިސްތާން ފަދަ ގައުމުތަކުގެ ކުޑަކުދިންނާއި އަންހެނުން ޑަޒަން ޑަޒަނަށް މަރަމުން ގެންދާ މައްސަލައާއި އައިއެސް ފަދަ ބަދަލު ހިފުމުގެ ރޫޙުގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތްތައް އުފަންވެގެން ދިޔައީ އިރާގަށް އެމެރިކާ އަރައި ކުރި ހަނގުރާމައާއި ހިންގި ޖަރީމާތަކުގެ ސަބަބުން ކަަން ފާހަގަ ކޮށްފައެއް ނުވެއެވެ.
އެމެރިކާގެ އިތުރުން އެމެރިކާގެ ބައިވެރިންގެ ގޮތުގައި ސިފަކުރެވޭ ހުޅަނގުގެ ބޮޑެތި ބާރުތަކުގެ ލީޑަރުންވެސް ވަނީ އައިއެސް އިން ސްޓީވަން ސޮޓްލޯފް ކަރު ބުރިކޮށްލައިގެން އޭނާ ކަތިލާ މަންޒަރު ދައްކައިދޭ ވީޑިޔޯ ނެރުމުން ވަރަށް ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށް މިއީ ބާބެރިޒަމްގެ އަމަލެއް ކަމަށް ސިފަކޮށްފައެވެ.
އައިއެސް އިން އިންޓަނެޓްގައި ޝާއިއުކޮށްފައިވާ މި ވީޑިޔޯގައި ސްޓީވަން ސޮޓްލޯފް ބުނެފައިވަނީ އައިއެސް ޖަމާއަތުން އޭނާ ކަތިލަނީ އިރާގުގައި އެމެރިކާ ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކަށް ބަދަލުހިފުމުގެ ގޮތުންކަމަށާއި އޭނާގެ މަރުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެމެރިކާ ކަމުގައެވެ. އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ގެ ނަމުން ނަންދީފައިވާ އިރާގުގެ ހަނގުރާމަވެރި ޖަމާއަތުން އިންޓަނެޓްގައި އާންމުކޮށްފައިވާ މި ވީޑިޔޯއިން ފެންނަނީ ވަޅިއެއް ހިފައިގެން މޫނު ނިވާކޮށްގެން ހުރި އެ ޖަމާއަތުގެ ހަނގުރާމަވެރިއެއްގެ ކައިރީގައި އެމެރިކާގެ ނޫސްވެރިޔާ ސްޓީވަން ސޮޓްލޯވް ހުރެ ކެމެރާއަށް ބަލައިގެން އޭނާ ވާހަކަ ދައްކާ މަންޒަރާއި އެއަށްފަހު އޭނާގެ ކަރުބުރިކޮށްލައިގެން އަނިޔާވެރި ގޮތަކަށް އޭނާ މަރާލާ މަންޒަރެވެ.
މި ވީޑިއޯގައި އައިއެސް ޖަމާއަތުން އޭނާ ކަތިލަނީ އިރާގުގައި އެމެރިކާ ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކަށް ބަދަލުހިފުމުގެ ގޮތުންކަމަށާއި އޭނާގެ މަރުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެމެރިކާ ކަމަށް ސްޓީވަން ސޮޓްލޯވް ބުނެފައިވެ އެވެ.
މިވީޑިޔޯއިން ފެންނަ މޫނު ނިވާކޮށްގެން ހުރި އައިއެސްގެ ހަނގުރާމަވެރިޔާ އެމެރިކާގެ ރައީސް އޮބާމާއާ މުހާތަބުކޮށް އިންޒާރު ދެމުން ބުނެފައިވަނީ އެމެރިކާ އިރާގަށް ހަމަލާދީ މީހުން މަރަމުން ގެންދާހާ ހިނދަކު އެ ޖަމާއަތުގެ ވަޅިތަކުން އެމެރިކާގެ ރައްޔިތުންގެ ކަނދުރާތައް ވެސް ބުރިކުރަމުން ގެންދާނެ ކަމުގައެވެ. މީގެ އިތުރުން އެމެރިކާ ސިފައިން އިރާގަށް ދޭ ހަމަލާތަކުގައި އިނގިރޭސިވިލާތް ބައިވެރިވާނަމަ އެ ޖަމާއަތުގެ އަތްދަށުގައިވާ އިނގިރޭސި ވިލާތުގެ ނޫސްވެރިޔާ ޑޭވިޑް ހެއިންސްގެ ކަރުވެސް މިގޮތަށް ބުރިކޮށްލައި އޭނާވެސް ކަތިލާނެކަމުގެ އިންޒާރު މި ވީޑިޔޯއިން ފެންނަ އައިއެސްގެ ހަނގުރާމަވެރިޔާ ދީފައިވެ އެވެ.
އައިއެސް ޖަމާއަތުން އިންޓަނެޓްގައި ޝާއިއުކޮށްފައިވާ މި ވީޑިޔޯއަކީ ސައްހަ ވީޑީޔޯއެއްކަން ނޫނީ ބިރުދެއްކުމަށްޓަކައި އެޑިޓް ކޮށްފައިވާ ވީޑިޔޯއެއްކަން ސާފުވެފައެއް ނުވެއެވެ.
އައިއެސް ޖަމާއަތުން ސްޓީވަން ސޮޓްލޯފް ކަތިލާ މަންޒަރު ދައްކައިދޭ ވީޑިއޯއެއް ދައްކާލާފައި މިވަނީ އޭނާ މަރައި ނުލުމަށް އެދި، އޭނާގެ މަންމަ އައިއެސް ގެ ވެރިޔާ އަބޫބަކުރުލްބަޣްދާދީއަށް އިލްތިމާސްކޮށް އާދޭސް ކޮށްފައިވާ ވީޑިއޯއެއް އިންޓަނެޓްގައި ޝާއިއުކޮށްފައި ވަނިކޮށެވެ. އަދި އައިއެސް އިން ސްޓީވަން ސޮޓްލޯފް ކަތިލާ މަންޒަރު ދައްކައިދޭ ވީޑިޔޯއެއް ދައްކާލާފައި މިވަނީ އިރާގުގެ އުތުރުގައިވާ އެ ޖަމާއަތުގެ މަރުކަޒުތަކަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާތައް ދެމުންގެންދާކަން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އިއްޔެ ކަށަވަރުކޮށްދީފައި ވަނިކޮށެވެ. އެމެރިކާގެ މިހަމަލާތަކުގައި އައިއެސް ޖަމާއަތުގެ 80 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
އައިއެސް އިން މީގެ ދެ ހަފްތާ ކުރިންވެސް ވަނީ އެ ޖަމާއަތުގެ އަތްދަށުގައިވާ އެމެރިކާގެ އެހެން ނޫސްވެރިއެއް ކަމަށްވާ ޖޭމްސް ފޮލޭގެ ކަރު ބުރިކޮށްލާ މަންޒަރު ދައްކައިދޭ ވީޑީއޯއެއް އިންޓަނެޓްގައި ޝާއިއުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ އައިއެސްގެ ހަނގުރާމަވެރިޔާ ވަނީ އިރާގުގައިވާ އެ ޖަމާއަތުގެ މަރުކަޒުތަކަށާއި ހަނގުރާމަވެރިން ތިބޭ ތަންތަނަށް ހަމަލާ ނުދިނުމަށް އެމެރިކާއަށް އިންޒާރު ދީފައެވެ. އަދި އެމެރިކާގެ އިތުރު ހަމަލާއެއް އެ ޖަމާއަތަށް އަމާޒުކޮށްފިނަމަ ސްޓީވަން ސޮޓްލޯވް ގެ ކަރު ބުރިކޮށްލައިގެން އޭނާ މަރާލާނެ ކަމުގެ އިންޒާރު އައިއެސް ގެ ހަނގުރާމަވެރިޔާ ދީފައިވެ އެވެ.
ސޮޓްލޯފް ގެއްލިފައިވަނީ ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ހަބަރުތައް ގެނެސް ދިނުމަށްޓަކައި ސޫރިޔާގައި ހަރަކާތްތެރިވަމުން ދަނިކޮށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ކަމަށްވެއެވެ.
އައިއެސް އަކީ އިސްލާމީ ގައުމުތަކަށް އަރައި އެމެރިކާ ހިންގަމުން ގެންދާ މީހުން މެރުމުގެ އަމަލުތަކާއި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް އެންމެފަހުން އެމެރިކާއަށް އަމާޒުވެ އެމެރިކާގެ ހަރުކަށި ސިިޔާސަތުތައް އަތަށް ގޮވުން ކަމަށް މުހައްލިލުން ސިފަކުރައްވައެވެ. (ނޫސްއެޖެންސީތައް)