ވޮޝިންޓަން (ސެޕްޓެމްބަރ 3) - ސޯމާލިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައްޝަބާބް މޫވްމަންޓްގެ ޒައީމް އަހްމަދު އަބްދީ ޣޫދާން މަރާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އެމެރިކާ އެއްބަސްވެއްޖެ އެވެ.

ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވީ، އެމެރިކާ އިން ސޯމާލިޔާ އަށް ވައިގެ މަގުން އިއްޔެ ދިން ޙަމަލާތަކުގެ ބޭނުމަކީ އައްޝަބާބް މޫވްމަންޓްގެ ޒައީމް އަހްމަދު އަބްދީ ޣޫދާން މަރާލުން ކަމުގަ އެވެ.

އެމެރިކާގެ އެ ހަމަލާތަކުގައި ހަ މީހުން މަރުވެފައިވާ އިރު އޭގެ ތެރޭގައި އަހްމަދު އަބްދީ ޣޫދާން ނުހިމެނޭ ކަމަށާއި އަބްދީ ސަލާމަތުން އެބަހުރި ކަމަށް އަލްގާއިދާއާ ގުޅިފައިވާ އައްޝަބާބް ހަނގުރާމަވެރި ޖަމާއަތުން ބުނެ އެވެ.

ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވެސް ވަނީ އައްޝަބާބް މޫވްމަންޓްގެ ޒައީމް އަހްމަދު އަބްދީ މަރާލެވިފައިވާކަން ނުވަތަ ނޫންކަން އަދި ކަށަވަރު ނުވާ ކަމަށް ވިދާޅުވެފަ އެވެ. މިކަން ސާފު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށާއި އަބްދީއަކީ އެމެރިކާއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންގެ ލިސްޓްގެ ކުރީގައި އުޅޭ މީހެއް ކަމަށް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވެސް ވަނީ ސޯމާލިޔާގެ އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ އައްޝަބާބް މޫވްމަންޓްގެ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާ އިން ވައިގެ ވަރުގަދަ ހަމަލާތަކެއް ދިންކަން ހާމަކޮށްފަ އެވެ.

ޕެންޓަގަނުން ބުނީ އައްޝަބާބް މޫވްމަންޓްގެ އަމާޒުތަކަކަށް އެމެރިކާ އިން އިއްޔެ ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި މި ހަމަލާތަކުގައި އެ ޖަމާއަތުގެ ބައެއް މީހުން މަރާލެވުނު ކަމުގަ އެވެ.

ފާއިތުވި އަހަރުތަކުގައި އެކި ފަހަރުމަތިން އެމެރިކާ ވަނީ އައްޝަބާބް މޫވްމަންޓްގެ މަރުކަޒުތަކަށް ހަމަލާތައް ދެމުން ގެންގޮސްފަ އެވެ. މިގޮތުން މިދިޔަ ޖަނަވަރީ މަހުވެސް އެ ޖަމާއަތުގެ މަރުކަޒުތަކަށް އެމެރިކާ އިން ވައިގެ ހަމަލާތަކެއް ދީފައިވެ އެވެ. އެމެރިކާގެ މިފަދަ ހަމަލާތަކުގައި އާންމުކޮށް މަރުވަމުން ދަނީ ކުށެއްނެތް އާންމުންނެވެ. ހާއްސަކޮށް ޖިފުޓިތަކުގައި ދިރިއުޅޭ ފަގީރު އާއިލާ ތަކުގެ އާރެއް ބާރެއްނެތް މީހުންނެވެ.

އެމެރިކާއަކީ ވެސް އައްޝަބާބް މޫވްމަންޓް ފަދައިން ޓެރަރިޒަމްގެ އަމަލުތައް ފުޅާދާއިރާއެެއްގައި ހިންގައި ކުށެއްނެތް މީހުން މަރަމުން ގެންދާ ގައުމެކެވެ.

އިރާގާއި އަފްޣާނިސްތާނާއި ޕާކިސްތާނަށް އެމެރިކާ ދޭ ވައިގެ ހަމަލާތަކަކީ ވެސް ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރެ އެވެ. އައްޝަބާބް މޫވްމަންޓާއި އަލްގާއިދާ ފަދަ ހަރުކަށި ހަނގުރާމަވެރި ޖަމާއަތްތަކުން ބޮންގޮއްވައިގެން މީހުން މަރަމުން ގެންދާއިރު އެމެރިކާ މީހުން މަރަނީ ބޮންއަޅައިގެންނާއި ޑްރޯން ބޭނުންކޮށްގެން ދޭ ހަމަލާތަކުންނެވެ. (ނޫސްއެޖެންސީތައް)