02 Sep 2014, 16:38
އިސްލާމް އާބާދު (ސެޕްޓެމްބަރ 2) : ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކާ ގުޅިގެން ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފު ކުއްލި ގޮތަކަށް އެގައުމުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރައްވަމުން އެބެގެންދަވަ އެވެ.
ރޮއިޓާސް ޚަބަރުދޭ ގޮތުގައި ނަވާޒް ޝަރީފު ބައްދަލުކުރައްވަމުން ގެންދަވާ ސިޔާސީ ލީޑަރުންގެ ތެރޭގައި އޭނާ އަށް ތާއީދުކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ ލީޑަރުންވެސް ހިމެނެ އެވެ. ނަވާޒް ޝަރީފު، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމުގެ ކުރިން އޭނާ ވަނީ ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އަދި ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ރަޙީލް ޝަރީފް އާވެސް ކުއްލި ގޮތަކަށް ބައްދަލުކުރައްވާފަ އެވެ.
ނަވާޒް ޝަރީފު، މިފަރާތްތަކާ ބައްދަލުކުރައްވަމުން މިގެންދަވަނީ ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށްވާ އިމްރާން ޚާންއާއި ދީނީ އިލްމުވެރިއެއް ކަމަށްވާ ތާހިރުލްގާދިރީ އިސްކޮށް ތިއްބަވައިގެން އިސްލާމްއާބާދުގެ މަގުތަކަށް އެތައް ހާސް ބަޔަކު ނެރެ ނަވާޒް ޝަރީފުގެ އިސްތިއުފާއަށް ގޮވާލައި ކުރަމުން ގެންދާ މުޒާހަރާތަކަށް ދެހަފްތާވެ މުޒާހަރާތައް ހޫނުވެފައިވަނިކޮށެވެ. މުޒާހަރާކުރާ މީހުން އިއްޔެ ވަނީ އިސްލާމް އާބާދުގައި ހުންނަ ސަރުކާރުގެ ޓީވީ ސްޓޭޝަން ކަމަށްވާ "ޕީޓީވީ"ގެ އިމާރާތަށް ގަދަކަމުން ވަދެގަނެ އެތަން ހިފުމަށް މަސައްކަތްކޮށްފަ އެވެ. މިއާ އެކު ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ އެސްޓޭޝަނަށް ވަންމީހުން ގަދަކަމުންނެރެ ޓީވީ ސްޓޭޝަން ހިމާޔަތްކޮށްފަ އެވެ. ނަމަވެސް މުޒާހަރާކުރާމީހުން "ޕީޓީވީ"ގެ އިމާރާތަށާއި އެތަނުގެ ތަކެއްޗަށާއި ސާމާނަށް ބައެއް ގެއްލުންތައް ދީފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އަނެއްކޮޅުން މުޒާހަރާކުރާ މީހުން، ނަވާޒް ޝަރީފުގެ ރަސްމީ ގެކޮޅަށާއި ޕާލަމެންޓް ޢިމާރާތަށް ވެސް ގަދަކަމުން ވަދެގަތުމަށް އިއްޔެ މަސައްކަތްކުރުމުން ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުންކޮށްގެން އެކަން ހުއްޓުވާފަ އެވެ. ނަމަވެސް މުޒާހަރާކުރާ މީހުން މިހާރުގެން ދަނީ މަގުމަތިން ދާ ވެހިކަލްތަކަށް އޮއްގަލުން ހަމަލާދިނުމާއި ތަންތަނުގައި ހުޅުޖެހުންފަދަ ހަރުކަށި އަމަލުތައް ވެސް ހިންގަމުން ކަމަށް ޕާކިސްތާނުގެ މީޑިޔާ ބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ނަވާޒް ޝަރީފް، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އަދި ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ރަޙީލް ޝަރީފް އާ ބައްދަލުކުރެއްވުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ފެންނަކަމުގެ ލަފާ ނަވާޒް ޝަރީފަށް އަރުވާފަ އެވެ. މިއާޚިލާފަށް، ސިޔާސީ ޕާޓީތަކުގެ ލީޑަރުން ނަވާޒް ޝަރީފަށް ލަފާއެރުވީ އިސްތިއުފާ ނުދެއްވައި މަގާމުގައި ދެމިހުންނެވުމަށް ކަމަށްވެ އެވެ. ނަމަވެސް މިއީ ސައްޙަކަން ކަށަވަރު ރިޕޯޓްތަކެއްނޫން ކަމަށް ޕާކިސްތާން ސަރުކާރުންނާއި ސިފައިންގެ މުއައްސަސާ އިން ބުނެއެވެ. (ރޮއިޓާސް)