02 Sep 2014, 16:32
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ، ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލު ހުށަހަޅާފައި ވަނީ އެންމެ 14 ކައުންސިލަކުން ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ [އެލްޖީއޭ] އިން ބުނެފި އެވެ.
އެލްޖީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތަވާލު އެ އޮތޯރިޓީ އަށް ފޮނުވާފައި ވަނީ ހަތަރު އަތޮޅު ކައުންސިލުންނާއި 10 ރަށު ކައުންސިލަކުން ކަމަށެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 108 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރަށު ތަރައްގީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލު ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ ގާނޫނުގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އަތޮޅު ތަރައްގީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އަހަރުގެ މަސައްކަތު ތާވަލު ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ ނިޔަލަށް އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އެލްޖީއޭ އަށް ހުށަހަޅަންޖެހެ އެވެ.
އެލްޖޭއޭ އިން ބުނެފައިވާ ގޮތުގެ މަތިން އެ ތަވާލު އައްޑޫ ސިޓީ ކައުންސިލުންނާއި މާލެ ސިޓީ ކައުންސިލުން ހުށަހަޅާފައެއްނުވެ އެވެ. އަތޮޅު ކައުންސިލުގެ ތެރެއިން ކުރި އަށް އޮތް އަހަރު ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތާވަލު ހުށަހަޅާފައި ވަނީ މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލާއި ނިލަންދެ އަތޮޅުބުރީ ކައުންސިލާއި ކޮޅުމަޑުލު ކައުންސިލާއި ހައްދުންމަތީ ކައުންސިލުންނެވެ.
އަދި ރަށު ކައުންސިލްތަކުގެ ތެރެއިން ތާވަލު ހުށަހަޅާފައި ވަނީ ނ. ޅޮހީ ކައުންސިލް، ރ. މަޑުއްވަރީ ކައުންސިލް، ރ. މީދޫ ކައުންސިލް، ބ. އޭދަފުށީ ކައުންސިލް، ފ. ބިލެއްދޫ ކައުންސިލް، ފ. ދަރަނބޫދޫ ކައުންސިލް، ފ. މަގޫދޫ ކައުންސިލް، ފ. ނިލަންދޫ ކައުންސިލް، ތ. ހިރިލަންދޫ ކައުންސިލް، ގދ. ވާދޫ ކައުންސިލެވެ.