ފަޅުގޯއްޗެއްގެ ތެރޭގައި މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު މަނިކުގެ ގެއިން ވަގަށް ނަގާފައިވާ ފައިސާތައް އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ތެރެއިން އެރަށު ސޯސަންވިލާ ނުއުމާން އަބްދުﷲގެ ގެއިން ފެނުނު ކަމަށް ފުލުހަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސްދީފި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދިން ފުލުހުންގެ ދެ ފޮރެންސިކް އެކްސްޕާޓުންގެ ތެރެއިން އެކަކު ބުނީ ނުއުމާންގެ ރަޖިސްޓްރީ އޮންނަ ގެއާއި އަދި އޭނާ ދިރިއުޅޭ ގެއިން ވެސް ފައިސާ ފެނިފައިވާ ކަމަށެވެ.

ނުއުމާންގެ އެދުމުގެމަތިން އޭނާގެ ރަޖިސްޓްރީ އޮންނަގެ ބަލައި ފާސްކުރި އިރު ވަޅުލާފައި ހުރި ފައިސާތަކެއް ފެނިފައިވާ ކަމަށް ފޮރެންސިކް އެކްސްޕާޓް ބުންޏެވެ.

"ނުއުމާންގެ އެދުމުގެމަތިން ބަލައި ފާސްކުރީ އޭނާގެ ރަޖިސްޓްރީ އޮންނަ ސޯސަންވިލާ. އެގެބަލައި ފާސްކުރި އިރު ވިއްސާރަ ކޯޓެއްގެ ފަޔަށް ފައިސާތަކެއްލައި އޮޅާލުމަށްފަހު ރީނދޫ ކުލައިގެ ހަންބުރިއަކަށް ލުމަށްފަހު ވަޅުލާފައި ވަނިކޮށް ވަނީ ފެނިފައި. ފެނުނު ފައިސާގެ ސީދާ އަދަދެއް ހަނދާނެއް ނެތް. ލަފާކުރެވޭގޮތުގައި 30،000 ވަރަކަށް ރުފިޔާ ފެނިފައި ވަނީ،" ފުލުހުންގެ ފޮރެންސިކް އެކްސްޕާޓް ބުންޏެވެ.

އޭނާ ބުނީ ނުއުމާން ދިރިއުޅޭ ގޭގައި ހުރި ފޭރުގަހެއް ކައިރީ ކޮނުމުން އެތަނުން ވެސް ފައިސާތަކެއް ފެނިފައިވާ ކަމަށެވެ.

"ނުއުމާން ދިރިއުޅޭ ގޭގައި ހުރި ފޭރުގަހެއްގެ ކައިރީ ކޮނުނު އިރު ވިއްސާރަ ކޯޓެއްގެ ފަޔަށްލައި އޮޅާލާފައިވާ ފައިސާތަކެއް ފެނިފައިވޭ،" ފުލުހުންގެ ފޮރެންސިކް އެކްސްޕާޓް ބުންޏެވެ.

ފުލުހުންގެ ފޮރެންސިކް ދެ އެކްސްޕާޓުން މިއަދު ހެކިބަސްދީފައިވާއިރު އެ ދެ މީހުން ވެސް ބުނީ ހުސޭނުބޭ ދިރިއުޅޭ ކޮޓަރީގެ އެނދުމަތީގައި އޮތް ދަބަހެއްގެ ކަޓަރުއެޅުމަށްފަހު އެއިން އެއްޗިހި ނަގާފައިވާކަން އެތަނަށް ތަހުގީގު ޓީމް ދިޔައިރު ފާހަގަ ކުރެވުނު ކަމަށެވެ.

ދެވަނަ އަށް ހެކިބަސްދިން ފުލުހުންގެ ފޮރެންސިކް އެކްސްޕާޓު ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ހއ. ހޯރަފުށީ އުންމީދީ މަންޒިލް އަހްމަދު އިބްރާހީމާ ސުވާލުކުރުމުން އެރަށު ވަތަނިއްޔާ އެންޓަނާއާ ދިމާލު ހޭޅިފަށުގައި އެމީހުން ފައިސާ ގުނި ކަމަށް ބުނުމުން އެތަން ވެސް ފުލުހުން ބަލައިފާސްކުރި ކަމަށެވެ. އެގޮތުން އެ ސަރަހައްދުން ރަބަރު އަޅުވާފައިވާ ފައިސާތަކެއްގެ އިތުރުން ހުސޭނުބޭގެ ނަމުގައި ހަދާފައިވާ އެގްރީމެންޓެއް އެތަނުން ފެނުނު ކަމަށް ވެސް އޭނާ ބުންޏެވެ.

"ސަސްޕެކްޓު [އަހްމަދު އިބްރާހީމް] ބުނީ ވަތަނިއްޔާ އެންޓަނާ ދިމާލު ހޭޅިފަށުން ފައިސާ ގުނިކަމަށް. ދެން އެތަށް ގޮސް އަޅުގަނޑުމެން ބަލައި ފާސްކުރި އިރު ހުސައިން މުހައްމަދު މަނިކުގެ ނަމުގައި ހަދާފައިވާ އެގްރީމެންޓެއް ފެނުނު. އަދި ރަބަރުގައި ބަދެފައި ހުރި ފައިސާތައް ފެނުނު،" ފުލުހުންގެ ފޮރެންސިކް އެކްސްޕާޓް ބުންޏެވެ.

ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރަމުން އަންނަ ހުސޭނުބޭ މަރާލާފައި އޮތްއިރު އޭނާގެ އަނގައިގެ ތެރޭގައި ގިނައަދަދެއްގެ ވެލިހުރި ކަމަށް ހެކިބަސްދިން ފުލުހުން ބުންޏެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ހުސޭނުބޭގެ ގެއިން ވައްކަން ކުރުމަށްފަހު އޭނާ ރަހީނުކޮށް މަރާލި ކަމުގެ ތުހުމަތުގައި ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެއީ ހޯރަފުށީ ޅޮހީގޭ މުހައްމަދު ލަތީފް އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭނައާ ދެކޮޅަށް އެއްވެސް ހެކިބަހެއް ލިބިފައެއް ނުވެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ފުލުހުންގެ ފޮރެންސިކް އެކްސްޕާޓުން ހާޒިރުކޮށް އެމީހުންގެ ހެކިބަސް ނެގުން ކަމަށެވެ.