މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލުވާން ގެއްލުނުތާ 25 ދުވަސް ހަމަވެފައިވާ އިރު އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ސަރުކާރުގެ އެކި މުއައްސަސާތަކަށް ސިޓީއެއް ފޮނުވައިފި އެވެ.

ރިލުވާން ގެއްލުނު މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޒުވާނުންގެ ގޮފިން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ "ޒުވާނުންގެ ހިތްވަރު"ގެ ރައީސް މުހައްމަދު އަޒުމީލް ވިދާޅުވީ ޒުވާނުންނަށް މިއަދު ބޮޑު ބިރުވެރިކަމަކާ ކުރިމަތިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ. އަދި ސަރުކާރުން އެކަމަށް ޖަވާބުދާރީ ކުރުވުމަށް މިއަދު ސަރުކާރުގެ އެކި މުއައްސަސާތަކަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ހޯމް މިނިސްޓްރީ އާއި ޕޮލިސް އާއި އެމްއެންޑީއެފް އަށް ފޮނުވާފައިވާ ސިޓީގައި އެދިވަޑައިގެންފައި ވާނީ ތަހުގީގު ކުރިއަށްދާ ގޮތް ވީހާ ވެސް ބޮޑަކަށް އާންމުންނާ ހިއްސާ ކުރުމަށް އެދި ކަމަށެވެ.

އަޒުމީލު ވިދާޅުވީ އެ ސިޓީ ފޮނުވަން ޖެހުނީ އެ މައްސަލަ ދިގުލަމުންދާ އިރު އެކަންކަން ހިނގަމުންދަނީ ކިހިނެއްކަން ހާމަ ނުކުރާތީ އެކަމާ ކަންބޮޑުވާތީ ކަމަށެވެ.

"މިއަދަށް 25 ދުވަސްވެފައިވާ އިރު ތަހުގީގު ކުރަމުންދާ ކަމަށް އެބަ ވިދާޅުވޭ. ނަމަވެސް އިތުރުން އެއްވެސް ވަރަކަށް އެކަން ކުރިއަށްދަނީ ކިހިނެއްކަމެއް އެބާފުޅުންނަށް ލިބިފައި ވަނީ ކޮންކަހަލަ މައުލޫމާތެއް ކަމެއް ނޫނީ ތަހުގީގު އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ހިއްސާކޮށްފައި ނުވާތީ އެކަމާ އަޅުގަނޑުމެން ހަމަ ވަރަށް ކަންބޮޑުވޭ،" އަޒުމީލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިލްވާން ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށާއި ތަހްގީގުގައި ލިބޭ ސަހްހަ މައުލޫމާތުތައް އާއިލާއާ ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

ރިލްވާން ގެއްލުނީ މިދިޔަ މަހުގެ 7 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ އެ ދުވަހުގެ ރޭ ހުޅުމާލޭ ފެރީއަށް އަރަނިކޮށެވެ. ނަމަވެސް އޭނާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އޭގެ ހަ ދުވަސް ފަހުން މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.