ތޫނިސް : ތޫނިސްގެ އާސަރުކާރުގެ އެންމެ ބޮޑު ލަނޑުދަނޑިއަކީ ގިނަޕާޓީތަކެއް އެކުލެވޭ ޑިމޮކްރަސީއަކަށް ޤައުމު ވާސިލްކޮށްދިނުން ކަމަށް އާސަރުކާރުގެ ބޮޑުވަޒީރު މުޙައްމަދުލްޣައްނޫޝީ ވިދާޅުވެއްޖެއެވެ.

އާސަރުކާރު އިޢްލާން ކުރެއްވުމަށްފަހު ރިޔާސީ ގަނޑުވަރުގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޣައްނޫޝީ ވިދާޅުވީ މިނިވަން އިންތިޚާބެއް ބޭއްވުމާއި މިނިވަން ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިނުމާއި ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތަކަށް ޢިޢްތިރާފްވެ އެފަރާތްތަކަށް މިނިވަންގޮތެއްގައި ޙަރަކާތްތެރިވުމުގެ ފުރްސަތު ލިބިދޭ ޑިމޮކްރަސީއެއް ޤައުމަށް ގެނައުމަކީ ސަރުކާރުގެ އެންމެ ބޮޑު ލަނޑުދަނޑިކަމުގައެވެ. އަދި ޤައުމުގައި އަމްނު އަމާންކަން ޤާއިމްކުރުމާއި ޤައުމީ އެއްބައިވަންތަކަމެއް ޤާއިމްކުރުމަކީ ޤައުމު ބައިބައިވެފައިވާ މިދަނޑިވަޅުގައި ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދޭނެކަމެއް ކަމަށް ޣައްނޫޝީ ވިދާޅުވިއެވެ.

ތޫނިސްގައި އެކުލަވާލި އާސަރުކާރުގައި ކުރީގެ ސަރުކާރުގެ ހަތަރު ވަޒީރަކު ހިމެނެއެވެ. ނަމަވެސް ގިނައީ އާވަޒީރުންނެވެ އާސަރުކާރުގައި މިހާރު ހުއްދަދެވިފައިވާ ހުރިހާ ޕާޓީތަކެއްގެ ތަމްޘީލް ކުރެއެވެ. އަދި މަސައްކަތްތެރިންނާއި ޤާނޫނީ ވަކީލުންނާއި މުދައްރިސުންނާއި ޑޮކްޓަރުންފަދަ ޕްރޮފެޝަނަލް ފަރާތްތައް ތަމްޘީލްކުރާ ޔުނިޔަންތައްވެސް ހިމެނެއެވެ. ތޫނިސްގެ ވަގުތީ ރައީސަކީ ބަރުލަމާނުގެ ރައީސް ފުއާދުލްމުބްޒަޢެވެ.

ރައްޔިތުންގެ އުތުރިއެރުމަކުން މިދިޔަ ހުކުރުދުވަހު ބިންޢަލީގެ ވެރިކަން ވެއްޓުމާގުޅިގެންނާ އަދި އޭގެކުރިންފެށިގެން ޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް އަދިވެސް ހަމައަކަށް ނޭޅެއެވެ.