ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ ހަގު ދަރިކަލުން ސާޖިދު އަބްދުﷲ ޔާމިން (ތައްތި)ގެ ކެޕްޓަން ކަމުގައި ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންނާއި ބައެއް ވަޒީރުން ފުޓްސަލް މެޗެއް ކުޅުއްވައިފި އެވެ.

"ކުޑަހެންވޭރު ސްޓްރީޓް" ފުޓްސަލް ދަނޑު ހުޅުވުމަށް މިރޭ ކުޅުނު ހާއްސަ ފުޓްސަލް މެޗުގައި ޓީމުގެ ކެޕްޓަން ބޭންޑު އަޅުއްވައިގެން ކުޅުއްވި ކުޑަކުޑަ "ޔާމީން" ވަނީ، އިދިކޮޅު ޓީމަށް ވަރުގަދަ "ފައިޓެއް" ދެއްވާފަ އެވެ. އެގޮތުން ކުޑަ ހެންވޭރަށް ނިސްބަތްވާ ޒުވާނުންންގެ ޓީމާ ދެކޮޅަށް ކުޅުނު ފޯރިގަދަ ފުޓްސަލް މެޗުގައި ތައްތި ވަނީ، ލަނޑު ވެސް ޖައްސަވާފަ އެވެ.

ސެޕްޓެމްބަރު 1، 2014: ކުޑަހެންވޭރު ސްޓްރީޓް ފުޓްސަލް ދަނޑު ހުޅުވި ރަސްމިއްޔާތަށްފަހު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި ނިއުރޭޑިއަންޓުގެ ކުރީގެ ކެޕްޓަން އަހްމަދު ތޯރިގު (ޓޮމް) ވެސް ކުޅުއްވީ ތައްތިގެ ކެޕްޓަން ކަމުގަ އެވެ. އެ މެޗު ނިމިގެން ދިޔައީ ވާދަވެރި ކުޅުމަކަށްފަހު 4-6 ލަނޑުން ކުޑަހެންވޭރު ޓީމު މެޗު ކާމިޔާބުކޮށްގެންނެވެ.
ސެޕްޓެމްބަރު 1، 2014: ކުޑަހެންވޭރު ސްޓްރީޓް ފުޓްސަލް ދަނޑު ހުޅުވި ރަސްމިއްޔާތަށްފަހު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ކޯޗު ޔާމީންގެ ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރޭގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި، ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބާއި، ޒުވާނުންނާއި ކުޅިވާ ރާބެހޭ ވަޒީރު މުޙައްމަދު މަލީހު ޖަމާލު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެސްޓީއޯ އާއި އަމިއްލަ ބައެއް ފަރާތްތަކުގެ އެހީގައި ކުޑަހެންވޭރުގައި ހަދާފައިވާ އެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޔާމީނެވެ.
ސެޕްޓެމްބަރު 1، 2014: ކުޑަހެންވޭރު ސްޓްރީޓް ފުޓްސަލް ދަނޑު ހުޅުވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި ދަރިކަލުން ތައްތި-- ފޮޓޯ/ ރައީސް އޮފީސް

އެ ހަފްލާގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އިތުރުން ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު، ކުޑަހެންވޭރުގެ ޒުވާނުން ވެސް ބައިވެރިވި އެވެ.

ކޭއެޗް ސްޓްރީޓް ފުޓްސަލް ދަނޑު ހުޅުވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޒުވާނުންގެ ވަގުތުތައް ރަނގަޅު ގޮތުގައި ހޭދަކުރުވުމަށް މަގުފަހިކުރުމަށް މިފަދަ ދަނޑުތައް ވަރަށް މުހިއްމު ކަމަށާއި އެގޮތުން އެމަނިކުފާނުގެ ސަރުކާރުން ޒުވާނުންނަށް މިފަދަ އެތައް ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.
ސެޕްޓެމްބަރު 1، 2014: ކުޑަހެންވޭރު ސްޓްރީޓް ފުޓްސަލް ދަނޑު ހުޅުވި ރަސްމިއްޔާތަށްފަހު، ރައީސްގެ ދަރިކަލުން ތައްތިގެ ކެޕްޓަން ކަމުގައި ފުޓްސަލް މެޗެއް ކުޅެން ތައްޔާރުވެފައި-- ފޮޓޯ/ ރައީސް އޮފީސް