18 Jan 2011, 11:13
އައްޑު އަތޮޅު ހެރަތެރަ ރިސޯޓުގެ ހިންގަން ތައިލެންޑްގެ އޮނިކްސްއާ ހަވާލުކުރި ނަމަވެސް ރިސޯޓުގައި ތިބި ދިވެހި މުވައްޒަފުންގެ ވަޒީފާ ދެމެހެއްޓުމަށް މަސައްކަތް ކުރާނެކަމަށް މޯލްޑިވިސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕްރޭޝަން )އެމްޓީޑީސީ( އިން ބުނެފި އެވެ.
އެމްޓީޑީސީން އިއްޔެ ވަނީ ހެރަތެރެ ރިސޯޓު ތައިލެންޑުގެ އޮނިކްސް ހޮސްޕިޓަލިޓީއާ 20 އަހަރު ދުވަހުގެ މުއްދަތައް ހިނގަން ހަވާލުކޮށްފަ އެވެ. އަދި އެ ރިސޯޓުގެ ނަން އަންނަ އަހަރުން ފެށިގެން "އަމާރީ ހެރަތެރަ ރިސޯޓު" ގެ ނަމަށް ބަދަލު ކުރާނެ ކަމަށް ވެސް އެމްޓީޑީސީން ބުނެ އެވެ.
އެމްޓީޑީސީން ބުނީ މިހާރުވެސް އެ ރިސޯޓުގައި 250 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުން ދާ ކަމަށާއި، އޭގެ ތެރެއިން 90 ޕަސަންޓަކީ ދިވެހިން ކަމަށެވެ.
"އެތާނގައި 250 އެއްހާ މުވައްޒަފުން މިހާރު ތިބިއިރު އޭގެތެރެއިން 90 ޕަސަންޓަކީ ދިވެހިން. ދިވެހި މުވައްޒަފުން ރީޓެއިން ކުރުމަށް ކުރެވެން ހުރިހާ މަސައްކަތެއް އެމްޓީޑީސީން ކުރާނަން. ހަމަ މިއާއެކު އޮނިކްސްގެ ބައެއް މުވައްޒަފުން ވެސް ގުޅެމުން ގެންދާނެ." އެމްޓީޑީސީގެ އިންވެސްޓާ އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު އާރިފް އަބްދުއް ސަމަދު ވިދާޅުވި އެވެ.
އެމްޓީޑީސީން މިއަދު ބުނީ އޮނިކްސް ކުންފުންޏާ ހެރަތެރަ ހިންގަން ހަވާލުކޮށްފައިވަނީ މެނޭޖްމަންޓު އެގްރީމަންޓެއްގެ ދަށުން ކަމަށެވެ.
"އޮނިކްސް ހޮސްޕިޓަލިޓީ އާއި އެމްޓީޑީސީއާ ގުޅިގެން ހިންގާގޮތަށް ހަވާލުކޮށްފައި ވާނީ. އެކަމަކު ރިސޯޓުގަ ހިންގާނީ އެމީހުންގެ ބްރޭންޑުގަ. އެކަމަކު އެއީ މެނޭޖްމަންޓް އެގްރީމެންޓެއް. ރިސޯޓު ހިންގާނީ އެމްޓީޑީސީ އާއި ގުޅިގެން. ހިންގައިގެން ލިބޭ ފައިދާ ދެބައިމީހުންނަށް ބަހާލެވޭނީ." އާރިފް ވިދާޅުވި އެވެ.
މީގެ ކުރިން 2008 ވަނަ އަހަރުވެސް 20 އަހަރު ދުވަހުގެ މުއްދަތައް އެ ރިސޯޓު ހިނގުން ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާއާސް ކުންފުންޏާއި ހަވާލު ކުރި އެވެ.