ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ތޫނުއެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ޏ. ފުވައްމުލައް، ޝައިނީ، މުހައްމަދު ސަމީހު އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭފަދަ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ލަފާދީފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަމީހުގެ އިތުރުން ސ. ހިތަދޫ އުލްފާ މަންޒިލް މުހައްމަދު ނަސީމްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ކޯޓުގައި ބުނެފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ތެރެއިން ސަމީހު އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭފަދަ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ލަފާދީފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވެއެވެ.

"ޏ. ފުވައްމުލަކު ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީޙު އާއި ސ. ހިތަދޫ އުލްފާ މަންޒިލް މުހައްމަދު ނަސީމުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ތޫނުއެއްޗަކުން ހަމަލާދިނުމުގެ ކުށުގައި މި ދެމީހުންގެ ތަހުގީގުނިމި މި ދެމީހުންގެ މައްޗައް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމާއި، މި ދެމީހުންގެ ތެރެއިން މުހައްމަދު ސަމީހު އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭފަދަ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ލަފާދީފައިވާކަން ކޯޓަށް އަންގާފައިވެ އެވެ،" ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވެއެވެ.

ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެފައި ވަނީ އަލްހާނަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ވެސް އެ ކޯޓުގެ އަމުރެއްގެ ދަށުން ކަމަށާއި އެ ދެ މީހުން ބަންދުގައި ތިބޭތާ ހަތް މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އެ ދެ މީހުން ބަންދުން ދޫކޮށްލަން އަމުރުކޮށްފައި ވަނީ ވަކި ކަމަކަށް ޝަރުތުކުރުމަށްފަހު ކަމަށާއި ކުށުގެ ތުހުމަތުގައި މީހުން ހައްޔަރުކުރުމާއި ހައްޔަރު ކުރެވިފައިވާ މީހުން ބަންދުން ދޫކޮށްލުމާއި ބަންދުން ދޫކުރާއިރު ކޯޓަށް ފެންނަ ގޮތެއްގެ މަތިން ޝަރުތުކޮށްފައި ނުވަތަ ޝަރުތަކާއި ނުލައި ދޫކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރޭގައި އެކަން ހަމަޖެހިފައި އޮންނަގޮތް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި އެކަމާ މެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.