ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލި މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ހާޒިރު ކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޕީޖީގެ މަސްއޫލިއްޔަތު އަދާނުކޮށްގެން އެ ދެ މީހުން ދޫކޮށްލުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ޕީޖީ ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ވަރަށް އަވަހަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޕްރޮސެކިއުޓާ ޖެނެރަލް ދަންނަވައިގެން އެބޭފުޅާ މިކަމުގައި ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރާނަން،" އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާފައިވާ މާރިޔާ ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްވުމަށް ކުރިން އަމުރުކޮށްފައި ވަނިކޮށް އެ ނިންމުން ބަދަލުކޮށް ޏ. ފުވައްމުލަކު ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމް ދޫކޮށްލަން އިއްޔެ އަމުރު ކުރީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ހުށަހެޅިފައި އޮންނަތާ އެތަކެއް ދުވަސް ވެގެންދިޔައިރު ވެސް ދައުވާކޮށްފައި ނުވާތީ ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް އަމުރު ކުރި ނަމަވެސް އެ ދެ މީހުންގެ ތެރެއިން ނަސީމްގެ މައްޗަށް މަސްތުވާތަކެތީގެ ކުށެއް ސާބިތުވެފައިވާތީ އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އޭނާ ވަނީ ޖަލަށް ބަދަލުކުރެވިފަ އެވެ.

މާރިޔާ ވިދާޅުވީ މިހާރު މި ފެންނަނީ "އެންމެ ކަންތައް ބޮޑުވި އެއް ކަންތައް" ކަމަށެވެ. އެގޮތުން ޕީޖީއަކު އައްޔަން ކުރުމުގައި ޕީޕީއެމްގެ ތެރޭ ހިޔާލު ތަފާތުވުމަށްފަހު، އެ މަގާމަށް އައްޔަން ކުރި މުހުތާޒު މުހުސިނަށް ކަމެއް ނުކުރެއްވެނީއޭ ބުނެ މައްސަލަތައް ދޫކޮށްލަމުންދާ މަންޒަރު ފެންނަން ފަށައިފި ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ ޕްރޮސެކިއުޓަ ޖެނެރަލް އެއް ނެގުމުގައި ހަމަގައިމު ވެސް ސަރުކާރުގެ ބޭފުޅުން މައުމޫނާއި އެހެން ބޭފުޅުން ދެ ގޮތަކަށް ވިސްނުން ހުރެގެން އެންމެ ފަހުން ޕްރޮސެކިއުޓާ ޖެނެރަލެއް ނެގިގެން ދިޔަތަން. މިހާރު މި ފެންނަނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމެއް ނުކުރެއްވީއޭ ކިޔަފައި މައްސަލަތައް ދޫކޮށްލަމުންދަތަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އަލްހާނަށް ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވައި އެ ދެމީހުނާ ދޭތެރޭ ގޮތެއް ނިމެގެންދާން ވާނީ ޝަރީއަތުން ކަމަށެވެ. އަދި އެކަކުގެ މަސްއޫލިއްޔަތު އަދާނުކުރެވިގެން ކޯޓުން ތެރެއިން މީހުން ދޫވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.