01 Sep 2014, 17:20
އައިލެންޑް އޭވިއޭޝަންގެ އިންފްލައިޓް ޑިއުޓީ ފްރީ ދިނުމުގެ މަސައްކަތް އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ ހިލާފަށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭނެ ގޮތަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އިމްތިޔާޒްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަންސް ކޮމިޝަންސް (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
އިމްތިޔާޒްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ބުރާސްފަތި ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައާ ގުޅޭ ގޮތުން އޭސީސީ އިން ނެރުނު ބަޔާނުގައި ބުނީ އައިލެންޑް އޭވިއޭޝަންގެ އިންފްލައިޓް ޑިއުޓީ ފްރީގެ ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް 2012 ވަނަ އަހަރު ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ހަމަ އެކަނި ކުންފުންޏަށް އެ މަސައްކަތް ދީފައި ވަނީ އެންމެ ފަރާތަކުން ކުރިމަތިލާފައި ވާތީ ބިޑް އިވެލުއޭޝަން ކޮމެޓީން އެ ޕްރޮޕޯސަލް އިވިލުއޭޓް ނުކުރަން ނިންމާފައި ވަނިކޮށް ކަމަށެވެ. އަދި އެ ފަރާތަށް މަސައްކަތް ހަވާލުކޮށް އެއްބަސްވުގައި އައިލެންޑް އޭވިއޭޝަނުން ސޮއިކޮށްފައިވާ އިރު އިންފްލައިޓް ޑިއުޓީ ފްރީ ބިޑާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ އާރްއެފްޕީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ފައިނޭންޝަލް ޕްލޭން ހުށަހަޅާފައިނުވާ ކަމަށް ވަނީ ބުނެފަ އެވެ.
ހަމަ އެހެންމެ މަސައްކަތާ ގުޅޭ އާރްއެފްފީގައި ޑިއުޓީ ފްރީގެ ހިދުމަތްދޭ ފަރާތާ އެކު އެގްރިމެންޓް ކުރެވޭނީ ތިން އަހަރު ދުވަހަށް ކަމަށާއި އެ މުއްދަތު ހަމަވުމުން ދެ އަހަރަށް އެގްރިމެންޓް އިތުރު ކުރެވިދާނެ ކަމަށް ބުނެފައިވީ ނަމަވެސް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފަސް އަހަރު ދުވަހަށް ކަމަށް ބުނެފައިވެ އެވެ. އަދި އެ ފަސް އަހަރު ހަމަވުމުން މުއްދަތު ހަމަކުރެވިދާނެ ކަމަށް އެއްބަސްވުމުގައިވާ އިރު އެ މުއްދަތު އިތުރު ކުރެވޭނީ ކިހާ ދުވަހަކަށް ކަން ވެސް ބަޔާންކޮށްފައިނުވާ ކަމަށް ވެސް އޭސީސީ އިން ވަނީ ފާހަގަކޮށްފަ އެވެ.
އިމްތިޔާޒް މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. މި އަހަރު އޭނާ ވަނީ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.