ޖަލުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓަކުން ނުވަތަ ހާދިސާއަކުން ޖަލުގެ ގައިދީއަކަށް ލިބޭ އެއްވެސް ގެެއްލުމަށް ނުވަތަ އަނިޔާއަކަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދަން ޖެހިިއްޖެ ހިނދެއްގައި އެމީހަކަށް ހެލްތުއިންޝުއަރެންސް އިން ކަވަރުނުކުރެވޭ ހުރިހާ ހަރަދެއް ޑިޕާޓްމަންޓް އޮފް ކަރެޝްޝަން ސާވިސުން ކުރަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އިއްޔެ ގެޒެޓުކުރި "ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖެ އިން ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމާ ބެހޭ ގަވާއިދު"ގައި ބުނެފައިވާ ގޮތުގައި ޖަލުގައި ހުންނަ މީހަކަށް ކަރެކްޝަންސް ސާވިސް އިން ހަރަދު ކުރަން ޖެހޭނީ އެމީހަކު ޖަލުގައި ހުންނަ ހުރުމުގައި ލިބޭ ނުރައްކާތެރި އަނިޔާއަކަށް ބޭސް ފަރުވާ ކުރުމަށް ރާއްޖެ އިން ބޭރަށް ދިއުމުގެ ހަރަދުކުރާނެ އެއްވެސް ފަރާތެއް ނެތް ހާލަތެއްގަ އެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ރާއްޖޭން ބޭރުން އެ ގައިދީއަކު ބޭސްފަރުވާ ހޯދަމުން ގެންދާއިރު އަމިއްލައަށް ކުރަން ޖެހޭ ބޭސްފަރުވާގެ ހިދުމަތްތައް ކަރެކްޝަންސް ސާވިސް އިން ކުރަން ޖެހޭނީ އެމީހަކަށް ލިބިފައިވާ އަނިޔާ އަށް ނުވަތަ ބައްޔެއްގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ނުވަ ދާއިމީ ނުކުޅެދުންތެރިކަމެއް ލިބިދާނެ ހާލަތެއްގަ އެވެ.

ކަރެކްޝަން ސާވިސްގެ މީޑިއާ އޮފިޝަލް މޫސާ ރަމީޒު މިއަދު ވިދާޅުވީ އިއްޔެ ގެޒެޓްކޮށްފައިވާ ގައިވާއިދުގެ 8 ވަނަ ބާއްދާގެ ށ. އަކީ މުޅިން އަލަށް އަމަލުކުރަން ފަށައިފައިވާ އުސޫލެއް ކަމަށެވެ. އަދި އެ ޑިޕާޓްމަންޓުން ބޭރަށް ފޮނުވަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ގައިދީންނަކީ ރާއްޖެ އިން ފަރުވާ ކުރެވެން ނެތް ހާލަތެއްގައި ފޮނުވާ މީހުން ކަމުގައިވާއިރު އެފަދަ މީހަކަށް އަމިއްލައަށް ނުވަތަ އާއިލާގެ ފަރާތުން ވެސް އެހީތެރިކަމެއް ނެތް ހިނދެއްގައި ހެލްތު އިންޝުއަރެންސް ކަވާނުކުރާ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެ ޑިޕާޓްމަންޓުން ކަމަށެވެ.

"މިސާލަކަށް ޖަލުގައި ގައިދީންތަކެއްގެ މެދުގައި ހިނގާ އަނިޔާއަކުން ނުވަތަ އަލިފާނުގެ ހާދިސާއަކުން އެހެން ނޫނީ އެފަދަ އެނޫން ވެސް އެހެން އަނިޔާއަކަށް ރާއްޖޭން ބޭސްފަރުވާ ނުކުރެވިއްޖެ ހިނދެއްގައި، އެމީހަކަށް ހަރަދު ކުރާނެ ފަރާތެއް ނެތް ނަމަ ބޭރަށް ފޮނުވައިގެން ބޭސް ފަރުވާ ކުރުމުގެ ހުރިހާ ހަރަދެއް މިޑިޕާޓްމަންޓުން ކުރާނެ،" މޫސާ ރަމީޒު ވިދާޅުވި އެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އެ ގަވާއިދުގައި ޖަލުގައި ތިބޭ ގައިދީންނަށް ރާއްޖެ އިން ބޭރުން ބޭސް ފަރުވާ ކުރަން ފޮނުވަން ޖެހޭ އުސޫލްތައް ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން ޖަލުގައި ހުންނަ ސިއްހީ މަރުކަޒުން ބޭސްފަރުވާ ނުކުރެވިއްޖެ ނަމަ އެމީހަކު ޖަލުން ބޭރަށް ބޭސްފަރުވާ އަށް ގެންދަން ޖެހޭނީ އެ މީހަކު ބަންދުކޮށްފައި ހުންނަ ޖަލެއްގެ މެޑިކަލް ސެންޓަރުން ފަރުވާދެވެން ނެތް ކަން ޖަލުގައި ހުންނަ މެޑިކަލް އޮފިސަރު އިރުޝާދު ކުރުމުންނެވެ. އަދި އެގޮތަށް ގެންނަ ގައިދީންނަށް ފުރަތަމަ ފަރުވާދޭން ގެންދަންޖެހޭނީ ސަރުކާރުގެ ހޮސްޕިޓަލަަކަށް ނުވަތަ ސިއްހީ މަރުކަޒަކަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެފަދަ މީހަކަކަށް ރާއްޖެ އިން ފަރުވާ ލިބެން ނެތިގެން ބޭރަށް ފޮނުވަން ޖެހިއްޖެ ނަމަ އެމީހަކު ރާއްޖެ އިން ބޭރަށް ދިއުމުގެ އެއްވެސް ހަރަދެއް ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް ސާވިސް އިން ކުރަންނުޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އެމީހަކު ރާއްޖެ އިން ބޭރަށް ދިއުމުގެ ކުރަންޖެހޭ ހުރިހާ ހަރަދެއް ކުރަންޖެހޭނީ ހެލްތް އިންޝުއަރެންސްގައި ސުކީމްގެ ދަށުން ނުވަތަ އެމީހަކު އަމިއްލަ އަށް އަދި އާއިލާއިން ކަމަށް ވެސް އެ ގަވާއިދުގައި ވެ އެވެ.

ޖަލުގައި ހުންނަ މީހަކު ރާއްޖޭން ބޭރަށް ބޭސްފަރުވާ ކުރުމަށް ދެވޭނީ ކަރެކްޝަންސް އިން ހުއްދަ ލިބިގެން ކަމަށާއި ރާއްޖެ އިން ބޭރަށް ގައިދީއަކު ބޭސްފަރުވާ އަށް ދެވޭނީ އެ މީހެއްގެ ބައްޔަކީ ރާއްޖެ އިން ފަރުވާކުރެވެން ނެތް ބައްޔެއް ކަމަށް އައިޖީއެމްއެޗްގެ ކަމާ ބެހޭ ހާއްސަ ޑިޕާޓްމަންޓްގެ ހުއްދަ ލިބިގެން ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.