01 Sep 2014, 16:21
ޓެކުމުގެ ކުށް ސާބިތުވި މީހަކު ހަ އަހަރާއި ނުވަ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ޙުކުމް ކޮށްފައި ވަނީ ދަފްތަރު، އަޙްމަދު ޢަލީ،47، ގެ މައްޗަށެވެ.
އަޙްމަދު ޢަލީގެ މައްޗަށް ޓެކުމުގެ ދަޢުވާ ދަޢުލަތުން އުފުލާފައި ވަނީ އޭނާ 2009 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މީހަކަށް ހެޔޮ އަގުގައި ސިމެންތި ވިއްކާނޭ ކަމަށް ބުނެ 75 ރުފިޔާގެ ރޭޓުން 1000 ކޮތަޅު ސިމެންތިއަށްވާ ފައިސާގެ ތެރެއިން، އެޑްވާންސްގެ ގޮތުގައި 20،000 ރުފިޔާ އާއި ބާކީ 55،000 ރުފިޔާގެ އިތުރުން، 5000 ކޮތަޅު ސިމެންތީގެ އޯޑަރަކަށް އެ އަދަދަށް ސިމެންތި ދޯންޏަކަށް އަރުވާދޭނެ ކަމަށް ބުނުމުން 100،000 ރުފިޔާގެ އޯޕަން ޗެކެއް އޭނާ އަތަށް ދީފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ފައިސާއަކަށް ސިމެންތި ލިބިފައިނުވާ މައްސަލައާ ގުޅިގެންނެވެ.
އަޙްމަދު ޢަލީގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާ ބެލުމަށް ފަހު ކްރިމިނަލް ކޯޓުން 2014 އޯގަސްޓް 28 ވަނަ ދުވަހު ކޮށްފައިވާ ޙުކުމުގައި ބުނަނީ، އަޙްމަދު ޢަލީ މިކަމަށް އިންކާރުކުރި ނަމަވެސް އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ. އަދި އެއީ އަޙްމަދު ޢަލީގެ މައްޗަށް މިފަދަ ކުށެއް ޝަރީޢަތަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށް ވާތީ އެ ކުށުގެ ޢުގޫބާތެއްގެ ގޮތުން ހަ މަސް ދުވަސް، އަދި އަޙްމަދު ޢަލީ ޓަކައިގެން ނަގާފައިވާ ފައިސާގެ ޢަދަދަކީ 10،000 ރުފިޔާ އަށް ވުރެ މަތީ ޢަދަދަކުންކަމަށް ވާތީ ހަ އަހަރާއި ތިން މަސް ދުވަސް، އެކު ޖުމްލަ ހަ އަހަރާއި ނުވަ މަސް ދުވަހުގެ މުއްދަތަށް އަޙްމަދު ޢަލީ ޖަލަށް ލުމަށް ޙުކުމް ކުރާ ކަމަށެވެ.