މެޗުގެ ކުރީ ކޮޅުގައި ރެއާލް މެޑްރިޑުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ޒުރުޓޫޒާގެ ހައިރާން ކުރަނިވި ދެގޯލާ އެކު ފަހަތުން އަރައި ރެއާލް ސޮސިއެޑާޑް 4-2 އިން ރެއާލް މެޑްރިޑް އަތުން މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ރެއާލުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ސޮސިއެޑާޑުން ވަނީ، ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ރެއާލްގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހައިދިނީ ފަސް ވަނަ މިނިޓްގައި ސާޖިއޯ ރާމޯސްއެވެ. އަދި 11 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް ގެރެތު ބޭލް ވަނީ ރެއާލްއަށް ނަތީޖާ ފުޅާކޮށްދީފަ އެވެ.

ސޮސިއަޑޭޑްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 35 ވަނަ މިނިޓްގައި އިނިގޯ މާޓީނޭޒް މެޗު ފެށިގެން 35 ވަނަ މިނެޓުގައެވެ. އަދި ފުރަތަމަ ހާފް ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިދިނީ ޒުރުޓޫޒާ އެވެ.

ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު މިދިޔަ ބުރާސްފަތި ދުވަހު އެޅުވުނު ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަނިޔާގެ ސަބަބުން މެޗުގައި ބައިވެރި ނުވެނުނުކަން ފާހަގަވެގެން ދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. އެގޮތުން 61 ވަނަ މިނިޓުގައި ޒުރުޓޫޒާގެ ދެވަނަ ގޯލާ އެކު ސޮސިއަޑޭޑުން އެއް ލަނޑުގެ ލީޑެއް ހޯދިއެވެ. ސޮސިއަޑޭޑްގެ ހަތަރުވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މެކްސިކޯ ފޯވާޑު ކާލޯސް ވެލާ އެވެ.

ސޮސިއެޑާޑްގެ ޒުރުޓޫޒާ ރޭ ކާމިޔާބުކުރި ދެ ގޯލާއެކު އޭނާ ވަނީ ލީގުގެ ޓޮޕް ސްކޯރަރުންގެ ތާވަލުގައި ހިމެނިފައެވެ.

ސްޕެނިޝް ލީގުގައި ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައިވާ އިރު، ހަ ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބާސެލޯނާއެވެ. ވެލެންސިއާ، ސެލްޓަވީގޯ، ގްރެނޭޑާ، ސެވިއްޔާ އަދި އެތުލެޓިކޯ މެޑްރިޑް މިއިން ކޮންމެ ޓީމަކަށް ހަތަރު ޕޮއިންޓު ލިބިފައި ވާއިރު، ރޭގެ މެޗުން މޮޅުވި ސޮސިއެޑާޑް އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ އަށް ވަނައިގައެވެ. އަދި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ރެއާލް މެޑްރިޑް އޮތީ ތާވަލުގެ 10 ވަނައިގައެވެ.