18 Jan 2011, 10:16
ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 116 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު، "ސެންޓްރަލް ޕްރޮކިއުމަންޓް އޮފީސް" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ އޮފީހެއް އުފައްދަވައިފި އެވެ. އެ އޮފީހަކީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދާ އަމިއްލަ ހައިސިއްޔަތެއް ލިބިގެން، ހިންގުމުގެ ފުޅާ ދާއިރާގެ މިނިވަންކަން ލިބިފައިވާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައިފަ އެވެ.
ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހުގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ މި އުފެއްދެވީ، ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި ޚިދްމަތާއި އޮފީސްތަކުން ކުރަން ބޭނުންވާ މަރާމާތުގެ މަސައްކަތްތައް، މަރްކަޒީ އޮފީހަކުން ހިންގައި ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސެންޓްރަލް ޕްރޮކިއުމަންޓް އޮފީސް އުފެއްދެވުމާގުޅިގެން، ސަރުކާރުގެ ޕްރޮކިއުމަންޓުގެ ކަންތައް ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައި ވަނީ، ދެ ފިޔަވައްސަކަށް ބައްސަވާލައްވައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި އެ އޮފީހުން ކުރައްވަމުން ގެންދަވާނީ، ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ ލިޔެކިޔުމާ ބެހޭ ތަކެތި ގަތުމާއި އޮފީސްތަކުން ކުރަން ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ކުރުވުމާއި އެކަންކަން ހިންގައި ބެލެހެއްޓުމާގުޅޭ ކަންކަމެވެ. މި ފިޔަވަހީގެ މަސައްކަތްތައް، 2011 މާޗް 1 ވަނަ ދުވަހުން ފެށިގެން، ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހުން ފެށްޓެވުމަށްވަނީ ހަމަޖައްސަވާފަ އެވެ.
ސަރުކާރުގެ ޕްރޮކިއުމަންޓުގެ ކަންތައް މަރްކަޒީ ގޮތެއްގައި ހިންގުމުގެ ނިޒާމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ، ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެކަށީގެންވާ މިންވަރެއްގައި ހިނގަން ފެށުމުންނެވެ. ދެވަނަ ފިޔަވަހީގައި މުޅި މިނިޒާމު މަރްކަޒީ ކުރައްވައި ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ އެންމެހާ މުދަލާއި ޚިދްމަތް ހޯދުމާގުޅޭ ކަންކަން ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހުން ބަލަހައްޓަވަމުން ގެންދެވުމަށް ވަނީ ނިންމަވާފަ އެވެ.
ސަރުކާރުގެ ޕްރޮކިއުމަންޓާ ބެހޭ ނިޒާމަށް މިގެނެވޭ ބަދަލަކީ، މިނިޒާމު ހިންގައި ބެލެހެއްޓުމުގައި ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ވަރަށްބޮޑަށް ވިލަރެސްކުރަން ޖެހޭ ބަދަލަކަށްވާތީ އާއި ސެންޓްރަލް ޕްރޮކިއުމަންޓް ނިޒާމަކީ ސަރުކާރުގެ އޮފީސްތަކަށް އާ ނިޒާމަކަށްވާތީ، މިނިޒާމު ހިންގާނެ ގޮތުގެ ގަވާއިދުތަކާއި، ގައިޑްލައިންތަކާއި އުސޫލުތައް އެކުލަވާލައްވައި، މިނިޒާމަށް ސަރުކާރުގެ އޮފީސްތައް އަހުލުވެރިކުރެއްވުމުގެ މަސައްކަތް މިހާރުން މިހާރަށް ފެއްޓެވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.