މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާނު ޢަބްދުﷲ ގެއްލުނު މައްސަލާގައި ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އެމްޑީޕީގެ އޮފީހުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވިދާޅުވީ ރިލުވާނު ގެއްލުނުތާ 24 ދުވަސް ވެފައިވާ އިރު ސަރުކާރުން އެކަމާ އަޅާ ނުލާ ކަމަށެވެ.

"... އަޅުގަނޑު ކަންބޮޑު ވަނީ 24 ދުވަސް ވަންދެން ދިވެހި ޒުވާނަކު، ދިވެހި މަންމައެއްގެ ދިވެހި އުފަން ދަރިއަކު ގެއްލިގެންދާ އިރު، ސަރުކާރުން އެއްވެސް ވަރަކަށް އަޅައި ނުލާ މިދަނީ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާ ނުކުރައްވާ ކަމަށާއި އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ ކުއްލި ބައްދަލުވުމެއް އަލުން ބާއްވަން އެމްޑީޕީން އަނެއްކާ ވެސް އެދިފައި ވަނީ އެހެންވެ ކަމަށެވެ.

"... އަޅުގަނޑުމެންނަށް ވެސް ވިސްނޭ ގައުމީ ސަލާމަތަށް ޓަކައި ބައެއް ކަންތައްތައް ސިއްރުކުރަން ޖެހިދާނެ، އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއް ސިއްރުކުރުމުގެ މައިގަނޑު ވިސްނުމަކީ، ސަލާމަތީ ބާރުތަކުން. އެއީ ފުލުހުން ކަމުގައި ވިޔަސް އަދި މިނިސްޓަރުން ކަމުގައި ވިޔަސް އާއްމު ރައްޔިތުންނަށް ހާމަ ނުކުރެވޭ މައުލޫމާތެއް ވިއްޔާ ރައްޔިތުންގެ މަޖިލީހުގެ އެކޮމިޓީ އަށް އެހެންވިއްޔާ ހާމަ ކުރެވެން ޖެހޭނެ. އެއީ ކޮމެޓީއެއް ސިއްރުކުރުމުގެ މާނައަކީ. އެއްވެސް ހާލަތެއްގައި ކޮމެޓީއެއް ސިއްރުކުރުމުގެ މާނައަކީ ރައްޔިތުން މަޖިލީހަށް ވެސް އެމައުލޫމާތެއް ހާމަ ނުކުރުމެއް ނޫން. ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ، ގާނޫނު އަސާސީގައި ވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ވެސް ކަނޑައެޅިގެން ލިޔެފައި އޮންނާނެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން މައުލޫމާތަކަށް އެދުނު ހިނދަކު އެކަމާ ބެހޭ ވުޒާރާއަކުން ޖެހޭނީ ތެދުވެރިކަމާ އެކު ތެދުބަހުން ރައްޔިތުންގެ މަޖިލީހަށް އެމައުލޫމާތު ހިއްސާ ކުރާށޭ،" އީވާ ވިދާޅުވި އެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރިލުވާނުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ވެސް އެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ގަސްދުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުން ބުނީ ރިލުވާން ހޯދުމަށް ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.