ދެކުނު ކޮރެއާގެ އިންޗިއޮންގައި މިމަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 17 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން "ޓީމް މޯލްޑީވްސް"އަށް 3.8 މިލިޔަން ރުފިޔާ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓްގެ ސެމިނާ ރޫމްގައި ރޭ ދިވެހި އެތުލީޓުންގެ ޓީމާ ބައްދަލު ކުރައްވައި ކުޅިވަރާބެހޭ ވަޒީރު ވިދާޅުވީ، ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ޒުވާނުންނާ ދޭތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަހައްޓަވާ އަހައްމިއްޔަތު ހާމަވެގެން ދާކަމަށެވެ.

"އޭޝިއަން ގޭމްސްގައި ބައިވެރިވާ ދިވެހި އެތުލީޓުނަށް ސަރުކާރުން 3.8 މިލިޔަން ރުފިޔާ ދިނުމަށް މިވަނީ ނިންމާފައި. މިކަމުން ވެސް އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޒުވާނުންނަށް ދެއްވާ އަހައްމިއްޔަތު ވަރަށްބޮޑަށް ހާމަވެގެން އެބަދޭ،" މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

ރޭގެ ބައްދަވުމުގައި މިނިސްޓަރު މަލީހުވަނީ ދިވެހި ހުރިހާ އެތުލީޓުންވެސް ރާއްޖެއަށް ރީތިނަން ހޯދައި ދިނުމަށް ހިއްވަރާއިއެކު މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި މުބާރާތުގައި ދިވެހި ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެން ގައުމަށް ރީތިނަން ހޯއްދެވުމުގައި ހުރިހާ އެތުލީޓުންވެސް ހިއްވަރާއިއެކު މަސައްކަތް ކޮށްދެއްވުމަށް ރައީސް ޔާމިން އެދިވަޑައިގަންނަވާ ކަމުގައިވެސް މަލީހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަހަރަކީ ދިވެހި ކުޅިވަރުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރު ރަގަޅުކޮށް ކުޅިވަރުކުޅެވޭނެ ވަސީލަތްތައް ތަނަވަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އަޒުމް ކަޑައަޅާފައިވާ އަހަރެއްކަމަށެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ޔޫތް ސިޓީގެ މަސައްކަތް ބިޑަށް ހުޅުވާލެވޭނޭ ކަމުގައި މިނިސްޓަރު މަލީހު ވިދާޅުވި އެވެ.