01 Sep 2014, 12:21
ސުޕެޝަލް އެކޮނަމިކް ޒޯން (އެސްއީޒެޑް)ގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލް ރައީސް ތަސްދީގު ކުރެއްވީ މިރޭ 12:00 އިން ފެށިގެން އަމަލު ކުރައްވާ ގޮތަށެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 60 މެމްބަރަކު ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ.
ސަރުކާރު ހިންގާ ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ވަނީ އެ ބިލް ފާސްކުރުމަށް ވޯޓު ދެއްވައިފަ އެވެ. އެބިލާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އެމްޑީޕީގެ މެމްބަރުންނެވެ.
އެބިލް ފާސްކޮށްފައި ވަނީ އެކި ޕާޓީތަކުން ހުށަހެޅި ޖުމްލަ 274 އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓަށް އެހުމަށް ފަހު އެވެ. އެ އިސްލާހުތަކުގެ ތެރެއިން ހަމައެކަނި ފާސްކޮށްފައި ވަނީ ޕީޕީއެމްގެ ފަރާތުން ހުށަހެޅި އިސްލާހުތަކެވެ.
ސްޕެޝަލް އިކޮނަމިކް ޒޯންގެ ބިލުން ހާސިލު ކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތެރިކަން އިތުރުކުރުމާއި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ޒޯންތަކެއް ކަނޑައެޅުން ހިމެނެ އެވެ. އަދި ރާއްޖޭގައި ކުރާ އިންވެސްޓްމެންޓްތައް އިތުރުކުރުމާއި އެ އިންވެސްޓްމެންޓްތައް މެދުވެރިކޮށް ރާއްޖެ އަށް ލިބޭ ބޭރު ފައިސާ އިތުރުކުރުމަކީ ވެސް އެ ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދު ކަމަށް ބިލްގައި ބަޔާންކޮށްފައިވެ އެވެ.
އިލްމާއި ހުނަރާއި ޓެކްނޮލޮޖީ ރާއްޖެ އަށް ނަގުލުކުރުވުމާއި ވަޒީފާގެ ފުރުސަތުތައް އުފައްދައި ފުޅާކުރުމާއި އަދި މުދަލާއި ޚިދުމަތް އުފެއްދުން އިތުރުކޮށް އާލާކުރުމަކީ ވެސް އެ ގާނޫނުގެ މަގުސަދެއް ކަމަށް ބިލްގައި ބުނެފައިވެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުގައި ބުނެފައިވާ ގޮތުން ޒޯންތައް ތަރައްގީ ކުރުމާއި އެ ޒޯންތަކުގައި އިންވެސްޓް ކުރުމާ ގުޅޭ އުސޫލްތައް ކަނޑައެޅުމާއި އެ ޒޯންތަކުގެ ޑިވޮލަޕަރުންމާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންގެ މުދަލަށް ދެވޭހިމާޔަތް ކަނޑައެޅުމާއި އެ ޒޯންތަކުގެ ޑިވަލޮޕަރުންނާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ އިންޔާތައް އެ ގާނުނުގެ ދަށުން ކަނޑައެޅިގެންދާނެ އެވެ.