ފަލަސްތީނުގެ ހުޅަނގު އައްސޭރިން 988 އޭކަރުގެ ބިން ފޭރި ގަނެ، ޔަހޫދީ އާބާދީތައް ފުޅާ ކުރަން އިސްރާއީލު ސަރުކާރުން ނިންމައިފި އެވެ.

އިސްރާއީލުގެ ހާރެޓްޒް ނޫހުން އިއްޔެ ބުނީ ހުޅަނގު އައްސޭރީގައިވާ ޔަހޫދީންގެ އެޓްޒިއޮން ސެޓްލްމެންޓުން ފެށިގެން ޤުދުސް (ޖެރޫސަލަމް) އާ ހަމައަށް އޮތް ފަލަސްތީނު މީހުންގެ ފަސް އަވަށެއް އަތުލުމަށް ހުޅަނގު އައްސޭރީގައިވާ އިސްރާއީލުގެ ސިވިލް އެޑްމިނިސްޓްރޭޝަނުން ނިންމާފައިވާ ކަމަށެވެ.

އެނޫހުން ބުނީ ހުޅަނގު އައްސޭރީގައިވާ ސިވިލް އެޑްމިނިސްޓްރޭޝަނުން އެގޮތަށް ނިންމީ ހަމާސްގެ ހަނގުރާމަވެރިން ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ކުޑަ ތިން ކުދިން މަރައިލުމުން (ހަނގުރާމައިގެ ކުރިން ހިނގި ހާދިސާ)ގެ ބަދަލު ހިފުމުގެ ގޮތުން ބިން އަތުލުމަށް އިސްރާއީލު ކެބިނެޓުން މިދިޔަ ހަފުތާގައި ނިންމުމުން ކަމަށެވެ.

އިސްރާއީލުން ފަލަސްތީނު މީހުންގެ ބިންތަކުގައި ހަދާ އާބާދީތަކުގެ ކަންކަން ބަލަމުން އަންނަ ޖަމާއަތެއް ކަމަށްވާ ޕީސް ނައު އިން ބުނެފައި ވަނީ އިސްރާއީލުން މިފަހަރު އަތުލަން އުޅޭ ބިމަކީ ފާއިތުވި 30 އަހަރުގެ ތެރޭގައި އަތުލާ އެންމެ ބޮޑު ބިން ކަމަށެވެ.

އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކުގެ އެހީގައި 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އުފެއްދި ޔަހޫދީ ދައުލަތް އުފެއްދި ދުވަހުން ފެށިގެން ވެސް ފަލަސްތީނުގެ ބިންތައް ދަނީ ފޭރެމުންނެވެ. އެގޮތުން އެ ބިމުގެ ގާތްގަނޑަކަށް 80 ޕަސެންޓް މިހާރު ވެސް ވަނީ ފޭރިގަނެ، އެތަންތަނުގެ އަސްލު ވަޒަންވެރިން ބޭރުކޮށްލައިފަ އެވެ. ފަލަސްތީނު މީހުންގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުން އަންނަނީ ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން ލުބުނާނާއި ސޫރިޔާއާއި އުރުދުންގައިވާ ރެފިއުޖީ ކޭމްޕްތަކުގަ އެވެ.