01 Sep 2014, 10:15
މި މަހުގެ 19 އިން އަންނަ މަހުގެ ހަތަރަކަށް ދެކުނު ކޮރެއާގެ އިންޗިއޮންގައި ބާއްވާ 17 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު އިއުލާނުކޮށްފި އެވެ.
ސަމަސެޓް ހޮޓެލްގައި ކްރިކެޓް ބޯޑުން ބޭއްވި ރަސްމިއްޔާތެއްގައި ރޭ އިއުލާނުކުރި ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނަކީ އަހްމަދު އަފްޒަލް ފާއިޒް އެވެ. އަދި ވައިސް ކެޕްޓަނަކީ ސަފްރާޒް ޖަލީލް އެވެ. ޓީމުގެ ކޯޗަކީ އިމާދު އިސްމާއީލް އެވެ. އަދި އޮފިޝަލުންގެ ގޮތުގައި ޓީމާއެކު ހަސަން ހާޒިގާއި އަހްމަދު ހަސަންދީދީ ވެސް ވަޑައިގަންނަވާނެ އެވެ.
ގައުމީ ކްރިކެޓް ޓީމް އިއުލާނުކުރުމަށް ރޭ ބޭއްވި ހަފްލާގައި ކްރިކެޓްބޯޑުގެ އެގްޒެކެޓިވް ބޯޑުގެ ވެރިންގެ އިތުރުން މިހާރު ކުރިއަށްދާ ޓީ ޓްވެންޓީ ބްލާސްޓްގައި ބައިވެރިވާ ޓީމްތަކުން ވެސް ބައިވެރިވި އެވެ.
ޓީމުގައި އިތުރަށް ހިމެނޭ ކުޅުންތެރިންގެ ތެރޭގައި 2012 ވަނަ އަހަރު ޓީ20 ޓީމުގެ ކެޕްޓަނަކަށް ހުރި އަބްދުﷲ ޝާހިދު، އަހްމަދު ނީސާމް ނާސިރު، މުހަންމަދު އައްޒާމް، މުހަންމަދު ރިޝްވާން، މިހުސާން ހާމިދު، ލީމް ޝަފީގު، އިބްރާހިމް ނަސާތު، ހަސަން އިބްރާހިމް، މުއާވިއަތު އަބްދުލް ޣަނީ، އަހްމަދު ހަސަން، މުހަންމަދު ސާފީ ސައީދު، އިސްމާއިލް އަލީ، އަދި އާދަމް ނާސިފް އުމަރު އެވެ.
ރޭގެ ޕްރޮގްރާމްގައި ކްރިކެޓް ބޯޑުގެ ރައީސް އަހްމަދު ހަސަން ދީދީއާއި ނައިބު ރައީސް ވަނީ ކުޅުންތެރިނާ މުހާތަބުކޮށް ހިތްވަރު ދެއްވައިފައެވެ. އަދި މިއަހަރުގެ ޓީމްގައި ހިމެނޭ އޮފިޝަލުނާއި ކުޅުންތެރިނަކީ މުޅިންވެސް ދިވެހިންކަން ފާހަގަކުރެއްވި އެވެ.
އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޓީމް ފުރަތަމަ ބުރުގައި ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 28 ގައި ނޭޕާލާ ދެކޮޅަށެވެ. އަދި 29 ގައި ކުވެއިތާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ކުއާޓާ ފައިނަލަށް ހޮވިއްޖެނަމަ ބަނގުލަދޭޝްއާ ދެކޮޅަށް އޮކްޓޫބަރު އެކެއްގައި މެޗެއް ކުޅޭނެ އެވެ.
މުބާރާތަށް ފަހު ގައުމީ ކްރިކެޓް ޓީމް އެބުރި ރާއްޖެއައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
އޭޝިއަން ގޭމަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ކްރިކެޓް ޓީމް އިތުރު ތަމްރީން ހޯދުމަށް މިމަހުގެ 18 ވަނަ ދުވަހު ސްރީ ލަންކާއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސްރީލަންކާގައި ތިން ޓްވެންޓީ ޓްވެންޓީ މެޗް ކުޅުމަށްފަހު ކޮރެއާއަށް ދާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.