ޑައިލިސިސް ހެދުމަށް ބޭނުންކުރާ ޓިއުބިންގްސްގެ ތެރެއިން ކަޅުކުލައިގެ ތިކިތަކަކާއި އިސްތައްޓެއް ފެނިފައިވާތީ، އެތަކެތި ހިމެނޭ ބެޗްނަންބަރުގެ ހުރިހާތަކެއްޗެއް ބޭނުންނުކޮށް ނަގާފައިވާ ކަމަށް އައޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑައިލިސިސް ހެދުމަށް ބޭނުންކުރާ ޓިއުބިންގްސްގެ ތެރެއިން ކަޅުކުލައިގެ ތިކިތަކަކާއި އިސްތައްޓެއް ފެނިފައި ވަނީ ޑައިލިސިސްގެ ޚިދުމަތް ދިނުމަށް އެ ހޮސްޕިޓަލުން ހޯދާފައިވާ ތަކެތި ހިމެނޭ ފޮށިތައް ކަނޑައި ބެލުމުން ކަމަށެވެ. އަދި އެތަކެތި ފެނުމާ އެކު އެ ހޮސްޕިޓަލްގެ ކޮލިޓީ މެނޭޖްމަންޓު ޑިޕާޓްމަންޓުން އެތަކެތި ހިމެނޭ ބެޗުނަންބަރުގެ ހުރިހާ ތަކެއްޗެއް ނެގުމަށް ފަހު، އަންގަންޖެހޭ ހުރިހާ ފަރާތްތަކަށް އެކަން އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ ބަލި މީހުންނަށް ބޭނުންކުރެވޭ އެފަދަ ތަކެތި ބޭނުންކުރެވެނީ ވަރަށް ބޮޑަށް ބެލުމަށް ފަހު ކަމަށާއި ޝައްކުކުރެވޭ އެއްވެސް ކަމެއްވާ ނަމަ ކޮލިޓީ މެނޭޖްމަންޓް ޑިޕާޓްމަންޓުން އެފަދަ ތަކެތި ބަލައި އިތުރަށް ޗެކްކުރާނެ ކަމަށެވެ.

"...އަދި އެއްވެސް މައްސަލައެއް ފާހަގަ ކުރެވޭ ނަމަ އަންގަން ޖެހޭ ފަރާތްތަކަށް އަންގައި އެތަކެތި ޚިދުމަތްދޭ ސަރަހައްދުން ދުރުކުރެ އެވެ. މި ހޮސްޕިޓަލްގައި ކޮލިޓީ މެނޭޖްމަންޓު ޑިޕާޓްމަންޓުގެ ދައުރަކީ ބަލިމީހުންނަށް ޚިދުމަތް ދިނުމަށް ބޭނުމަށް ބޭނުންކުރާ އާލާތްތަކާއި ބޭހާއި އަދި މި ނޫންވެސް ތަކެއްޗަކީ ރައްކާތެރި އަދި ކޮލިޓީ ތަކެތިކަން ކަށަވަރު ކުރުމެވެ. އަދި މިދައުރު ވަރަށް ފުޅާ ދާއިރާގައި ކުރެވެމުންދާކަން ވެސް ފާހަގަ ކުރަމެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ބަލި މީހުންނަށް އޮޅޭނެހެން ބައެއް މީޑިއާތަކުގައި ޚަބަރުފަތުރާފައިވާ ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެވޭ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން އެ ހޮސްޕިޓަލާ ދޭތެރޭގައި ބަލިމީހުންގެ އޮންނަ އިތުބާރު ކުޑަވެގެންދާނެ ކަމެއްކަން ހިތާމައާ އެކު ފާހަގަކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.