01 Sep 2014, 09:50
ލައިސެންސް ނެތި ފުވައްމުލަކުގައި ސައިކަލް ދުއްވަނިކޮށް އެކްސިޑެންޓުވެ، ސީރިއަސް ހާލަތުގައި އޮތް ކުއްޖާ އަށް އިތުރުފަރުވާ ދިނުމަށް ޓަކައި މާލެ ގެނެސްފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުން މިއަދު ބުނީ އެ އެކްސިޑެންޓްގައި ޒަހަމްވެ ސީރިޔަސް ހާލުގައި އޮތް 15 އަހަރުގެ ފިރިހެން ކުއްޖާ މާލެ ފޮނުވާލާފައި ވަނީ ރޭގެ ވަގުތެއްގައި ކަަމަށެވެ. އަދި އޭނާއާ އެކީ ހޮސްޕިޓަލުގެ ނަރުހަކު ވެސް މާލެ އައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އޭނާ މާލެ ފޮނުވާލި އިރު ލޭ މަނާ ކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް އޭނާ އަދި ވެސް ވަނީ ސީރިޔަސް ހާލަތުގައި ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އެކްސިޑެންޓްގައި ޒަހަމްވި ފިރިހެން ކުއްޖާގެ ކަނާތު އުޅަބޮއްޓާއި އެ އަތުގެ ކުޑަހުޅާ ދެމެދުން ބިނދިފައިވާ އިރު ކަނާތު ފައިގެ ކުޑަހުޅަށް ވެސް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވި 18 އަހަރުގެ މީހާ މާލެ ނުފޮނުވާ ކަމަށާއި އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ލައިސެންސެއް ނެތި 15 އަހަރުގެ ކުއްޖާ ދުއްވި ސައިކަލު އެކްސިޑެންޓްވި އިރު، ސައިކަލުގެ ފަހަތުގައި 18 އަހަރުގެ މީހަކު އިން ކަމަށެވެ. ނަމަވެސް އޭނާ އަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައެއްނުވެ އެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލު ކޮންޓްރޯލު ނުވެންގޮސް ފާރެއްގައި ޖެހިގެން ކަމަށެވެ.