14:30


ޓެންޑަރ އިވެލުއޭޝަން ބޯޑުގެ މެމްބަރުންގެ އަޣްލަބިއްޔަތު ވަކިބަޔަކަށް ނުލިބޭނެ ގޮތަކަށް، އެކަން ހަމަޖެއްސުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.


އެންޓިކޮރަޕްޝަން ކޮމިޝަން ނުވަތަ އޭސީސީން ނެރަފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެކޮމިޝަންގެ ޕްރިވެންޝަން ޕްރޮގްރާމްގެ ދަށުންނާއި، ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން، ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ކޮންޓްރެކްޓަރެއްގެ ގާބިލްކަމާއި މަސައްކަތް ކުރަމުންދާ ގޮތުގެ ފުރިހަމަ މަޢުލޫމާތު އެންމެ ފުރިހަމަ ގޮތުގައި އެބޯޑަށް ލިބިފައިނުވާ ކަމަށް. އަދި ޓެންޑަރ އިވެލުއޭޝަން ބޯޑުން ޢަމަލު ކުރަމުންދާ ގަވާއިދުގައި ޑައިރެކްޓް ކޮންޓްރެކްޓިންގ ހުއްދަ ކުރެވޭ ކެޓަގަރީތަކެއް ދީފައިވީ ނަމަވެސް އެ ކެޓަގަރީއަށް ނުފެތޭ ބައެއް ޕްރޮޖެކްޓްތައް ޑައިރެކްޓް ކޮންޓްރެކްޓިންގެ ދަށުން ހަވާލުކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުނެ އެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އަގަށްވުރެ ބޮޑުއަގުގައި ޕްރޮޖެކްޓްތައް ހަވާލުކޮށްފައި ހުރިކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެ އެވެ.


އެސީސީން އަދި ބުނީ އެކަންތައްތަކަކީ ކޮރޮޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ކަންތައްތައް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެކަންތައްތައް އިސްލާހް ކުރުމަށާއި ޓެންޑަރ އިވެލުއޭޝަން ބޯޑުގެ މެމްބަރުންގެ އަޣްލަބިއްޔަތު ފިނޭންސް މިނިސްޓްރީ އަށް ލިބިފައި އޮތް އޮތުމުން، ބޯޑުގެ ބައްދަލުވުމަށް އެހެން އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ހުންނަ މެމްބަރަކު ހާޒިރު ނުވިނަމަވެސް، ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން ހާޒިރުވުމުން ބައްދަލުވުމުގެ ކޯރަމް ހަމަވާގޮތަށް އޮންނަ ކަމަށެވެ. އަދި އެގޮތަށް އޮތުމުން ބޯޑުން ނިންމާ ނިންމުންތައް ކޮރަޕްޝަނަށް މަގުފަހިވެދާނެ ނިމުންތަކަށް ވެދާނެ ކަމަށް ބެލެވޭތީ އެކަންތައްތައް އެނޫން ގޮތަކަށް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ބޯޑަށް އަންގާފައިވާ ކަމަށް އޭސީސީން ބުނެ އެވެ.