އދ. ދަނގެތީ ބަނދަރު ހެދުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި އެވެ.

ދަނގެތީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ރަށު ބަނދަރު ހެދުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސިޔާސަތަކީ ލަފާފުރުމުގެ ދަތިކަން ދިމާވެފައިވާ ހުރިހާ ރަށަކަށް އެ މައްސަލަ ހައްލުކޮށްދިނުން ކަމަށެވެ. އަދި މިހާރުގެ ސަރުކާރު ވެރިކަމަށް އައިތާވި ކުޑަދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންގެ އުމްރާނީ ތަރައްގީއަށް އެކަނި ވެސް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވޭތުވެދިޔަ ނުވަ ވަރަކަށް މަސް ދުވަހު، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށްޓަކައި އުމްރާނީ ތަރައްގީއަށް އެކަނި ވެސް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީ ވަނީ ނަތީޖާ ހާސިލުކޮށްފަ. ހައުސިން މިނިސްޓްރީ އަށް އެކަނި ބަލާލި ނަމަވެސް، ނުވަ މަސް ދުވަހުގެ ތެރޭގައި 13 ރަށެއްގެ ބަނދަރު ނިންމައި ހަވާލުކުރެވިފައިވާއިރު، ބަނދަރުގެ މަސައްކަތް ނުނިމި ކުރިއަށްދާ 30 އަށްވުރެ ގިނަ މަޝްރޫއު އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ތާރީހުގައި ހަތަރު ރަށެއްގެ ބިން ހިއްކާ ހަވާލުކުރެވިފައިވާއިރު، ދެ ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މުއިޒު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް މަހެއްގެ ތެރޭގައި މުލީގެ ބިން ހިއްކުން ވެސް ފެށިގެންދާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދަނގެތީ ބަނދަރުގެ ވެސް ހަދާނީ މިހާރު ބަނދަރު ހަދާ އުސޫލުން ރޭގަނޑު ވެސް ބަނދަރުގެ ބޭނުން ހިފޭ ގޮތަށް ލައިޓިން ހަރުކޮށް، ބަނދަރާ ގުޅިގެން މަގެއް ވެސް ހަދާނެ ކަމަށެވެ. އަދި މަސައްކަތް ނިމިގެންދާއިރު އޮޑި ދޯނި ފަހަރު އެހެލާނެ ސަރަހައްދެއް ވެސް ހެދިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ބަޖެޓުން 48 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޓީސީސީއާ ހަވާލު ކުރި އެ ބަނދަރަކީ 700 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. އަދި އެ ބަނދަރުގެ މަސައްކަތް ފަށާ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި ނިންމަންޖެހެ އެވެ.

ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަބްދުއް ރައްޒާގު ވިދާޅުވީ، މިއަދު ފެނިގެން މިދަނީ ސަރުކާރުން ރާއްޖެއަށް ތަރައްގީ ގެންނަން ކުރައްވާ ބުރަ މަސައްކަތް ކަމަށެވެ. އަދި ދަނގެތީ ބަނދަރުގެ މަސައްކަތް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށާއި އެކަމަށް ރަށުގެ ކައުންސިލުންނާއި ރައްޔިތުން ދެއްވަމުން ގެންދާ އެއްބާރުލުން ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

ބޮޑު މިނުގައި 21.40 ހެކްޓަރުގެ ދަނގެއްޗަކީ 1018 މީހުންގެ އާބާދީއެއް އޮންނަ، މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތައްކުރާ ރަށެކެވެ.