ރާއްޖޭގައި އިގްތިސޯދީ ސަރަހައްދުތަކެއް ކަނޑައަޅައި، އެތަންތަނުގައި އިގްތިސޯދީ މަޝްރޫއުތައް ހިންގުމުން އަތޮޅުތައް ވަރަށް ބޮޑަށް ތަރައްގީވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އދ. ދަނގެތީ ބަނދަރު ރަސްމީކޮށްހުޅުވުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިގްތިސޯދީ ސަރަހައްދުތަކެއް ކަނޑައެޅުމަށްފަހު ކުރެވޭ މަސައްކަތްތަކަކީ ރައްޔިތުން އުފާކުރަންޖެހޭ ކަމެއް ކަމަށެވެ.

"އިގްތިސޯދީ ސަރަހައްދުތަކެއް ކަނޑައަޅައިގެން މިކުރާ މަސައްކަތުގައި މިއީ މުޅި އަތޮޅުތެރެއަށް އަންނަ ތަރައްގީ ކަމުގައިވާތީ، މިއީ އަތޮޅުތެރޭގެ ރައްޔިތުން އެކަމާ ދޭތެރޭގައި އުފާ ފާޅުކުރައްވަންޖެހޭނެ ކަމެއް ހަގީގަތުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގެ ސަރައްދު މިހާރު އޮތީ އިގްތިސޯދީ ބޮޑެތި މަޝްރޫއުތައް ހިންގޭފަދަ ގޮތަކަށް ނޫންކަމަށާއި އިގްތިސޯދީ މަޝްރޫއުތައް ހިންގައި ތަރައްގީ ގެނެވޭނެ ޖާގަ އޮތީ އަތޮޅުތަކުގައި ކަމަށެވެ. އަތޮޅުތަކުގައި ހިންގާ އިގްތިސޯދީ މަޝްރޫއުތަކުގެ މަންފާ މުޅިރާއްޖެއަށް ލިބި އެކަމުގެ ސަބަބުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ވެސް އަމަނިކުފާނު ވިދާޅުވި އެވެ.

"އަތޮޅުތެރޭގައި ހަގީގަތުގައި މިތަރައްގީ ގެނެވޭނެ ޖާގަ އޮތީ. އަދި އަތޮޅުތެރެއަށް ވަޒީފާގެ ފުރުސަތު އިތުރުވެގެން ދިޔުން. އާމްދަނީ ހޯދުމުގެ މަސައްކަތް އިތުރުވެގެން ދިޔުން. [ތަރައްގީ] އަތޮޅުތެރެއަށް ދާނީ މިކަހަލަ ބޮޑު މަޝްރޫއުގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.

ކުދިކުދި ރަށްތަކުގައި ގެސްޓުހައުސް ހިންގައިގެން އެރަށްރަށް ބޭނުންވާ މަންފާ ހޯދިދާނެ ކަމަށާއި ނަމަވެސް މުޅި ދާއިރާއަށް ތަރައްގީ ގެނައުމަކީ ހަމައެކަނި ގެސްޓުހައުސް ހިންގައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"....އެކަމަކު މުޅި ސަރަހައްދުގެ ތަރައްގީ ގެންނާކަށެއް އެކަހަލަ ކުދިކުދި މަޝްރޫއުތަކެއް ނުފުދޭ. އެހެންކަމުން ދިވެހި ސަރުކާރުން ވިސްނީ މިކަހަލަ ބޮޑެތި ބިޔަ މަޝްރޫއުތައް ފެށޭނެ ގޮތަކަށް ކަންކަން ގެންދަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ކުރަން ފުރުސަތު ލިބިގެން ހިނގައްޖެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުން ދެން މަސައްކަތް ކުރާނީ މިދެންނެވި ކަހަލަ ބިޔަ މަޝްރޫއުތައް ރާއްޖެއަށް ގެނެވޭތޯ ބެލުމަށް،" ރައީސް ވިދާޅުވި އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް ފާސްކުރުމަށް ޕީޕީއެމް އާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީން ކުރި މަސައްކަތްތަކަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ އެތިން ޕާޓީއަށް ނިސްބަތްވާ މަޖިލީސް މެމްބަރުން އެ ބިލް ފާސްކުރުމަށް ވޯޓު ދެއްވާފައި ވަނީ އަތޮޅުތެރެއަށް ތަރައްގީ ގެނައުމަށް އެބޭފުޅުންގެ ހިތުގައި އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކަމަށެވެ.

"އަޅުގަނޑުމެންގެ މެމްބަރުންނާއި އެމްޑީއޭގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން މިކަމަށް އިސްނަންގަވައިގެން މި ގާނޫނު ފާސްކޮށްދެއްވީ އެބޭފުޅުންގެ ހިތްޕުޅުގައި އަތޮޅުތެރެއަށް މި ތަރައްގީ ގެންނަން ޝައުގުވެރިކަން އޮތް ބޮޑުވީމަ،" ރައީސް ވިދާޅުވި އެވެ.