އަންނަ މަހު ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ރާޅާ އެޅުމުގެ މުބާރާތުގެ އިންޝުއަރެންސް ޕާޓުނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.

'އޭއެސްސީ މޯލްޑިވްސް އޯޕަން 2014' ގެ ނަމުގައި ބޮޑީ ބޯޑިންގް އެސޯސޮއޭޝަން (އެމްބީބީއޭ) އިންތިޒާމް ކޮށްގެން ބާއްވާ އެ މުބާރާތުގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައި، ދެ ފަރާތުގެ ދެމެދުގައި މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މިއަދު 3:00 ގައި ފެން ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފެވެ. އަދި އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މާކެޓިން މެނޭޖަރު މުހައްމަދު ޝިރުނީލެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަމުން އެލައިޑު އިންޝުއަރެންސުގެ މާކެޓިން މެނޭޖަރު ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ ދިވެހީންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެ ކުންފުނީގެ ފަރާތުން އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މުބާރާތުގައި އެކްސިޑެންޓެއް ހިނގާފާނެތީ އެއް މިލިއަން ޑޮލަރުގެ އިންޝުއަރެންސް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ދިވެހިން ބޭރަށް ދަންޏާ އަޅުގަނޑުމެން ގަސްދުކުރަން އިންޝުއަރެންސް ވެސް ދޭން. އާންމުކޮށް ދާއިރު ހުންނާނީ ގައުމުން އެބޭފުޅުންނަށް އިންޝުއަރެންސް ކަވަރުކޮށްފައި. އެކަމު އެކަހަލަ ހާލަތެއް [އެ ގައުމަކުން އިންޝުއަރެންސް ހަމަޖައްސައި ނުދީފިނަމަ] ނެތިއްޖެއްޔާ އެބޭފުޅުންނަށް އިންޝުއަރެންސް ހަމަ ދޭނަން،" ޝިރުނީލް ވިދާޅުވި އެވެ.

އެމްބީބީއޭ ގެ ރައީސް އަރީފް ވިދާޅުވީ މި މުބާރަތަކީ ދިވެހިންނަށް ބޭއްވޭ އެންމެ ފުރުސަތު ބޮޑު އެއް މުބާރާތް ކަމަށާއި މި މުބާރާތުގައި ބޮޑެތި ކުންފުނިތަކަށް ސްޕޮންސާ ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

"މިއީ އެންމެ ފުރުސަތު ބޮޑު ކުޅިވަރު ދިވެހިންނަށް ބައިވެރި ވެވޭ. ބޮޑެތި ކުންފުނި ތަކަށް ވެސް ސްޕޮންސާގެ ގޮތުގައި ބަރިވެރި ވުމުގެ ފުރުސަތު ބޮޑު މުބާރާތެއް މިއީ،" އެމްބީބީއޭގެ ރައީސް އަރީފް ވިދާޅުވި އެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް މިހާތަނަށް 30 އަށްވުރެ ގިނަ މީހުން އެޕްލިކޭޝަން ފޯމް ހުށަހަޅާފައި ވާއިރު މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަށް ނުޖެހެ އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތުގައި ޖަޕާނުގެ އިތުރުން ރާޅާ އެޅުމުގައި އޭޝިޔާގައި ފާހަގަކޮށްލެވޭ ވަރުގަދަ ގައުމެއް ކަމަށްވާ އިންޑޮނޭޝިޔާ އިން ވެސް ގިނަ ބަޔަކު ބައިވެރިވެއެވެ.

މި މުބާރާތް ބަހާލެވިގެން ވަނީ ތިން ކެޓަގަރީއަކަށެވެ. އެއީ މެންސް އޯޕަން އާއި ބޮޑީ ބޯޑިންގެ އިތުރުން ވިމެންސް ސޯޓް ބޯޑިންނެވެ. ރާއްޖެއިން މި މުބާރާތުގައި 16 މީހުން ބައިވެރިވާއިރު އެއްވެސް އަންހެނަކު ރާއްޖެއިން ބައިވެރި ވެފައެއް ނުވެ އެވެ.