31 Aug 2014, 18:19
ލ. ގަން ތުނޑި، ވުޑްލޭންޑް އަހުމަދު ނިޒާރު މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުއްޖާއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އިތުރު ހަތަރު މީހެއްގެ ހެކި ބަސް މިއަދު ނަގައިފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހާދިސާ ހިނގިތަނަށް ދިޔަ ހަތަރު މީހެއްގެ ހެކިބަސް ނަގާފައިވާ ކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުލަތުން ހެކި ހުށަހަޅާފައިވާ ތަރުތީބުން ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ. އެ މީހުންގެ ހެކިބަސް ނަގާފައި ވަނީ ކާކަން ނޭނގޭ ގޮތަށް ސިއްރުންނެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހައިކަންހާއިރު ނިޒާރު މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅި މަންޒަރު ދުށް މީހުންގެ ހެކި ބަސް މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ނަގައިފަ އެވެ. އަދި ދައުވާ ލިބޭ ކުއްޖާ ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަސް ވެސް ވަނީ ނަގައިފަ އެވެ.
ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހާކަން ހާއިރު، ލ. ގަން ސިނާއީ މަގުން ދެކުނުން އުތުރަށް ނިޒާރު ސައިކަލުގައި ދަނިކޮށް އެ ކުއްޖާ އިތުރު ބަޔަކާ އެކު، އެ މަގުގައި ދިރާގު އެންޓަނާ ހުންނަ ސަރަހައްދުން ލަކުޑި ބުރި އާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިނުމުން ލިބުނު ޒަޚަމްތަކުގެ ސަބަބުން ނިޒާރު މަރުވެފައިވާ ކަމަށެވެ.
އެ ކުއްޖާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ރާއްޖޭގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.
އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މެރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ އެވެ.