ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި ވަނިކޮށް، އެ ނިންމުން ބަދަލުކޮށް އެމީހުން މިއަދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވާގޮތުން އަލްހާނަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ބަންދުން ދޫކޮށްލަން އަމުރު ނެރެފައި ވަނީ، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައި އޮންނަތާ އެތަކެއް ދުވަސް ވެގެންދިޔައިރު ވެސް އެ ދެ މީހުންނާ މެދު ދައުވާ ކުރުމާ މެދު އެއްވެސް ގޮތެއް ނިންމާފައި ނުވާތީ އެވެ.

އެ ދެމީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި، ރޭގަނޑުގެ އެއްވެސް ވަގުތެއްގައި ގެއިން ބޭރަށް ނުކުމެ އުޅުން އެ ދެމީހުންނަށް ވަނީ މަނާކޮށްފައެވެ.

އަލްހާނަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންނަކީ ޏ. ފުވައްމުލަކު ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމް އެވެ. އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މާޗް މަހުގެ ފަހުކޮޅު އެވެ.

އަލްހާނަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ބްރޭކްވޯޓާ ރެސްޓޯރަންޓް ތެރޭގައި އިތުރުބަޔަކާ އެކު އޭނާ އިންނަވަނިކޮށެވެ.

ތޫނުއެއްޗަކުން ދިން ހަމަލާއަށް ސްރީލަންކާގެ ހޮސްޕިޓަލެއްގައި ބޭސްފަރުވާ ކުރެއްވުމަށްފަހު އަލްހާން މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދިވެސް އޭނާގެ ހާލު ކުރީގެ ހާލަތަށް ރުޖޫއައެއް ނުވެއެވެ.