ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން މެކުހަށްޖަހާފައިވާއިރު އޭގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލް ސައްހަވާނެ ކަމާމެދު ގާނޫނީ ވަކީލުން ދަނީ ސުވާލު އުފައްދަމުންނެވެ. އައްޑޫ ސިޓީއަކަށް ހަދާފައި ވަނީ އެންމެ މެންބަރަކު ހިމެނޭ ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާ ޝަރުތުތަކެއްގެ މައްޗަށް ބިނާކޮށެވެ. އަނެއްކޮޅުން ކެންޑިޑޭޓުން ކުރިމަތިލާފައި ވަނީ ކުރިން ސިވިލް ކޯޓުން ބާތިލް ކުރި ކައުންސިލަށެވެ. ފަހުން ސަރުކާރުން ހެދި ކައުންސިލަށް ކުރިމަތިލުމަށް އިއުލާނެއް ވެސް ނުކުރެ އެވެ. މިއީ ހައްތަހާވެސް ސުވާލު އުފެއްދިދާނެ ކަންކަމެވެ.

އައްޑޫ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ އޮޓޯބަރު 19، 2010 ގަ އެވެ. އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްގެން ކެންޑިޑޭޓުން ކުރިމަތިލާފައި ވަނީ އެ ކައުންސިލަށެވެ. އޭގެ ފަހުން އެ ކައުންސިލް އުފެއްދުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ސިވިލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ސިވިލް ކޯޓުން އެގޮތަށް ނިންމީ ލޯކަލް ގަވަމަންޓް އޮތޯރިޓީން ޝަރުތުތައް ކަނޑައަޅާފައި ނެތުމުންނެވެ. އެކަމަކު ކޯޓުން ކުރި ހުކުމާ "އެއްގޮތަށް" ލޯކަލް ގަވަމަންޓް އޮތޯރިޓީން ވަނީ ފަހުން ޝަރުތުތަކެއް ކަނޑައަޅައިފަ އެވެ. އެއާއެކު ސަރުކާރުން ވަނީ އަނެއްކާ ވެސް އައްޑޫއަކީ ސިޓީއެއް ކަމަށް ކަނޑައަޅައިފަ އެވެ. ނަމަވެސް އެ ކައުންސިލަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައެއް ނުވެ އެވެ.
~
"އަޅުގަނޑުގެ ވިސްނުމަކީ ފުރަތަމަ ކައުންސިލް ވުޖޫދަށް އައުމަށް ފަހު ލޯކަލް ގަވަމަންޓް އޮތޯރިޓީ ވުޖޫދަށް އާދެވޭނީ. އެނގިވަޑައިގަންނަވާނެ މިހާރު އެ އޮތޯރިޓީގައި ހުންނެވީ އެންމެ ބޭފުޅެއް. މިސާލަކަށް އިލެކްޝަންސް ކޮމިޝަން ވެސް ކިހިނެއްތޯ އެންމެ ބޭފުޅެއް ހުންނަވައިގެން ކުރިއަށްދެވޭނީ،" ގާނޫނީ މާހިރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި އެވެ.

ޑރ. ޖަމީލް އެ ވިދާޅުވި ފަދައިން މިހާރު ހަމައެކަނި ހޯމް މިނިސްޓަރު ލޯކަލް ގަވަމަންޓް އޮތޯރިޓީގައި ހުންނެވި ނަމަވެސް ޖުމްލަ ނުވަ މެންބަރުން އެ އޮތޯރިޓީގައި ހިމެނެންޖެހެ އެވެ. އެއީ ރައީސް އައްޔަން ކުރައްވާ ވަޒީރެއްގެ އިތުރުން މާލޭ ސިޓީ ކައުންސިލުން އައްޔަން ކުރާ މެންބަރަކާއި އަތޮޅު ކައުންސިލްތަކުން އައްޔަން ކުރާ ހަތަރު މެންބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެންބަރަކާއި އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރަކާއި ސިޓީ ކައުންސިލްތަކުން އައްޔަން ކުރާ މެންބަރެކެވެ. އެހެންކަމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ މުޅިން ފުރިހަމަ ނޫން ކަމަށް ބުނުމަކީ ކުށަކަށް ނުވާނެ އެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ ސިވިލް ކޯޓުން އައްޑޫ ސިޓީ ކައުންސިލް ބާތިލް ކުރުމުން ކުރީގެ "ސިޓީގެ" ކަންކަން އެހިސާބުން ނަފީވީ ކަމަށެވެ. އަދި ކަންކުރަންޖެހޭ އުސޫލަށް ބަލާއިރު ދެންޖެހޭނީ ހަމަ އާ ފެށުމަކުން ފަށަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސުވާލުތައް ބައިވަރު. ލޯކަލް ގަވަމަންޓް އޮތޯރިޓީން އެންމެ ބޭފުޅަކު ހުންނަވައިގެން ޝަރުތުތައް ކަނޑައެޅީ. ދެން އެ އޮތޯރިޓީ ސައްހަ ކަމަށް ބަލައިގެން ވެސް ކުރިއަށް ގެންދިއުން ވަރަށް ދަތި. އެއީ ކުރީގެ ކައުންސިލަށް ކެންޑިޑޭޓުން ކުރިމަތިލާފައި މި ވަނީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ގާނޫނީ ވަކީލު މަހާޒް އަލީ ޒާހިރުގެ ހިޔާލުގައި ވެސް ޑރ. ޖަމީލުގެ ހިޔާލާ ދާދި އެއްގޮތެވެ. އޭނާ ވިދާޅުވީ ކައުންސިލް ކައުންސިލަކަށް ވާނީ ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވުމުން ކަމަށެވެ. އަދި މިހާރު ކަންތައް ވެފައި އޮތް ގޮތަށް ބަލާއިރު އަލުން އިއުލާން ކުރުމެއް ނެތި ފަހުން އުފައްދާފައިވާ ކައުންސިލެއްގެ އިންތިހާބު ކުރިއަށް ގެންދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް މަހާޒް ވިދާޅުވި އެވެ.

"ފަހުން ލޯކަލް ގަވަމަންޓް އޮތޯރިޓީން ޝަރުތު ހަމަވާ ކަމަށް ކަނޑައެޅުމުން އުފެއްދި ކައުންސިލަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނެއް ނުކުރޭ. އެއީ އެހާ ރަނގަޅު ގޮތެއް ނޫން. ކައުންސިލް ވުޖޫދަށް އައިސްފައި މި ވަނީ އަލަށް. އެހެންވެ އަލުން އިއުލާން ވެސް ކުރަންޖެހޭނީ،" ޒުވާން ގާނޫނީ ވަކީލު ވިދާޅުވި އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ބެހޭ ގޮތުން މަހާޒް މާ ގިނަ ވާހަކަތަކެއް ނުދައްކަވަ އެވެ. އެކަމަކު ވިދާޅުވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ ފުރިހަމަ ނޫން ކަމަށެވެ. އަދި ފުރިހަމަ ނޫން އިދާރާއަކުން ނިންމާ ނިންމުންތަކާމެދު ސުވާލު އުފެދޭ ކަމަށް ވެސް މަހާޒް ވިދާޅުވި އެވެ.

ދެ ވަކީލުންގެ ވާހަކަތަކުން ވެސް އަޅުގަނޑުމެންނަށް އެނގެނީ އައްޑޫ ކައުންސިލަށް އިލެކްޝަންސް ކޮމިޝަނުން އެޅި ފުރަތަމަ ފިޔަވަޅު ވެސް ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން އެ ގޯސް ރަނގަޅުނުކޮށް ދެން ހުރި ކަންކަން ސައްހަ ކުރަން ވަރަށް އުނދަގޫވާނެ އެވެ.