ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުދިން ނެގުމުގައި އެ ކޮމިޝަނުން ގެންގުޅޭ މިންގަނޑުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

ނަސަންދުރަ ޕެލަސްގައި މިއަދު "ސްޓެޕް އެޕަރެންޓަސްޝިޕް ޕްރޮގްރާމްގެ ދެވަނަ ބެޗު" ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މަލީހު ވިދާޅުވީ، ސިވިލްސާވިސް ވަޒީފާތަކަށް ކުދިން ނެގުމުގައި ކޮމިޝަނުން ގެންގުޅޭ މިންގަނޑަކީ ވަޒީފާ ނުލިބި އަދި ހުނަރުވެރި ބައެއް ޒުވާނުންނަށް އެ ފުރުސަތު ލިބުމުގައި އެންމެ އެކަށީގެންވާ މިންގަނޑެއް ނޫން ކަމަށެވެ.

އަދި އެ މިންގަނޑަކީ ވަޒީފާ ނުލިބި ތިބި މަސައްކަތްތެރި އަދި ހުނަރުވެރި ބައެއް ޒުވާނުންނަށް އެފުރުސަތު ލިބުމުގައި އެންމެ އެކަށީގެންވާ މިންގަނޑެއްނޫން ވެސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ބައެއް އާދައިގެ ވަޒީފާތަކަށް ކުދިން ނެގުމުގައި ސިވިލްސާވިސްގެ މިންގަނޑުތައް ހުންނަ ގޮތުން ކުދިންނަށް ފުރުސަތުދޭން ދަތިވާ ކަމަށާއި އެކަމަށް ހައްލެއް ގެނައުމަކީ އެފަދަ ވަޒީފާތަކަށް ކުރިމަތިލާ އާދައިގެ ލެވެލްގެ ކުދިންނަށް ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، ރާއްޖޭގައި ތަފާތު އެކި ދާއިރާތަކުގައި ހުނަރުވެރި ޒުވާނުން އެބަތިބި ކަމަށާއި އެގޮތުން ވޮކޭޝަނަލް އެޑިއުކޭޝަން ނުވަތަ ޓްރެއިނިން ލިބިފައިވާ ޒުވާނުން ސަރުކާރުގެ ބައެއް ވަޒީފާތަކަށް ނެގޭނެ ގޮތަށް ސިވިލްސާވިސްގެ ކްރައިޓީރިއާއަށް ބަދަލު ގެނައުމަކީ އެފަދަ ޒުވާނުންނަށް ވަޒީފާ ލިބުމުގައި ހުޅުވިގެންދާނެ އިތުރު މަގެއް ކަމަށެވެ.

ޔޫތު މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީން ވޮކޭޝަނަލް ޓްރެއިނިންގެ ޕްރޮގްރާމްތަކުގެ ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން އަވަށްޓެރި ގައުމަތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމްތައް އިތުރުކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން އެފަދަ އިތުރު ޕްރޮގްރާމްތައް ރާވަމުންދާ ކަމަށްވެސް މަލީހު ވިދާޅުވި އެވެ.