31 Aug 2014, 15:22
ވީ ނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ޖާނަލިސްޓް އަހުމަދު ރިލްވާން އަބްދުﷲ ފެންނާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ޑިފެންސް މިނިސްޓަރު ކާނަޔަލް ރިޓާޔަޑް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ދި ޓީވީގެ އާ ވެބްސައިޓް ލޯންޗު ކުރުމަށް ރޭ ދިޓީވީގައި ބޭއްވި ކުޑަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމު ވިދާޅުވީ ރިލްވާން ހޯދުމަށް ޓަކައި ސަރުކާރުން ކުރަން ޖެހުނުކޮށްމެ ކަމެއް ސަރުކާރުން ކުރާނެ ކަމަށާއި އެކަމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަހުމަދު ރިލްވާން ފެންނާނެ ކަމުގެ އުންމީދު އަޅުގަނޑުމެންނަށް އެބަތް އޮތް، އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރަން ޖެހުނު ކޮންމެ ކަމެއް [އެކަމުގައި] ސަރުކާރުން ކުރާނަން،" މީގެ 22 ދުވަސް ކުރިން ގެއްލިފައިވާ ރިލުވާނާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ މި ސަރުކާރަކީ ނޫސްވެރިންނަށް ބިރުދައްކައި ނޫސްވެރިންގެ ފަހަތުން ހިނގާނެ ސަރުކާރެއް ނޫން ކަމަށާއި ސަރުކާރު އޮންނާނީ ނޫސްވެރިންނާ އެކު ކަމަށެވެ.
ދި ޓީވީގެ ހަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު ވިދާޅުވީ ނޫސްވެރިންނަކީ ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާ ބަޔަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ހާއްސަކޮށް ގައުމުގެ ސަލާމަތާ ބެހޭ ހަބަރުތައް ގެނެސްދޭ އިރު އެހެން ގައުމުތަކެކޭ އެއް ގޮތަށް އަޅުގަނޑުމެންގެ ގައުމީ ވެސް ސަލާމަތެއް އޮތް ބައެއްކަން ގަބޫލު ކުރައްވައިގެން ރިޕޯޓް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނާޒިމު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ ރާއްޖޭގައި މިނިވަން މީޑިއާއެއް އޮތުމަށް ކަމަށާއި އެ މަނިކުފާނަކީ "މީޑިއާގައި އަތް އަޅުއްވާނެ" ބޭފުޅެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ މި ސަރުކާރަށް ފާޑުކިޔަން، އަޅުގަނޑުމެން ބޭނުންވަނީ ޒިންމާދާރު ކަމާ އެކު ފާޑުކިޔަން. އަޅުގަނޑުމެން އެކަމަކާ ފަހަތަކަށް ނުޖެހޭނަން،" ނާޒިމު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިޓީވީ ހިންގާ ކުންފުނީގެ އެއް ޑީރެކްޓަރު މުހައްމަދު މޫސާއަކީ ރާއްޖޭގެ މީޑިއާ އަށް އިންގިލާބެއް ގެންނެވި ބޭފުޅެއް ކަމަށާއި އެންމެ ހަލަބޮލި ދުވަސްވަރު އަމިއްލަ އަށް އިސްނަންގަވައި ދި ޓީވީގެ ނަމުގައި ޗެނަލެއް އުފައްދަވައި ރައްޔިތުންނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.