31 Aug 2014, 15:09
މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ ލެބް ޓެކްނީޝަންގެ ޝަރީއަތާ ބެހޭ އެއްވެސް މައުލޫމާތެއް މީޑިއާ އަށް ހިއްސާކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
އިންޑިއާގެ ކެރެލާ އަށް އުފަން ރާޖޭޝް ކައްކަނައްޓު ބަސްކަރަން، 32،ގެ މައްޗަށް ދައުލަތުން ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާގެ ދެވަނަ ޝަރީއަތުގެ މަޖިލީސް މިއަދު ވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ބާއްވާފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހާ ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުވުމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކަށް ގުޅާލުމުން ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ބާއްވަނީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ޝަރީއަތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް މީޑިއާ އަށް ހިއްސާ ކުރެވެން ނެތް ކަމަށް މަނިކު ވިދާޅުވި އެވެ.
"އެ އަޑުއެހުން ބާއްވާފައި ވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި. އެހެންވީމަ އެކަމާ ބެހޭ މައުލޫމާތު ހިއްސާ ކުރެވެން ނެތް،" މަނިކު ވިދާޅުވި އެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިމަހުގެ 25 ވަނަ ދުވަހު ބޭއްވި އިރު، އެ ޝަރީއަތާ ބެހޭ އެއްވެސް މައުލޫމާތެއް ކޯޓުން ދީފައެއް ނުވެއެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އޭނާ ވަނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށް އެދިފައެވެ. އަދި ކޯޓުން ވަނީ އެ ފުރުސަތު އޭނާ އަށް ދީފަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރާޖޭޝްގެ މައްޗަށް ދައުވާ ކުރަން ޖެހުނު ސަބަބަކީ ލޭ ހަދިޔާ ކުރި މީހާގެ ލެޔަކީ އެޗްއައިވީއަށް ޕޮޒިޓިވް ލެއެއް ކަމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގެ ލޭ ޓެސްޓު ކުރާ މެޝިނުން ދެއްކުމުން ވެސް އެ ލެޔަކީ އެޗްއައިވީ ނެގެޓިވް ލެއެއް ކަމަށް ރިޕޯޓުގައި ލިޔެފައިވުމުން ކަމަށެވެ.
ރާޖޭޝްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ އަމަލެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމަށްވާނަމަ، އެ ކުށްކުރި މީހެއްގެ އަދަބަކީ ގިނަވެގެން ދެ އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. އަދި އެ ދެ އަދަބުގެ ބަދަލުގައި 1000 ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް އަމަލު ކުރި ނަމަވެސް ޖުވެނައިލް ކޯޓަކީ ކުޑަކުދިންގެ ޝަރީއަތްތައް ހިންގާ ކޯޓަކަށް ވާތީ އެކޯޓުން ޝަރީއަތްތައް ސިއްރު ކުރި ނަމަވެސް، ބައެއް މައުލޫމާތު މީޑިއާއަށް ހާމަ ކުރެއެވެ.