ކޮމާޝަލް ޕްރައިވެޓް ޓީވީ، ދިޓީވީ އިން އިތުރު ޗެނަލްއެއް ލޯންޗުކޮށްފި އެވެ.

"ދި އެކްސްޓްރާ"ގެ ނަމުގައި އެ ޗެނަލް ރޭ އިފްތިތާހު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

ދިޓީވީ ކުރިމަތީގައި ބޭއްވި އެ ބައްދަލުވުމުގައި އަދީބު ވިދާޅުވީ އެ މަނިކުފާނު ސިޔާސީ ދާއިރާއަށް ނެރެ ދެއްވުމުގައި ދި ޓީވީ ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށާއި ދި ޓީވީއަކީ ދިވެހިންނަށް ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް ވެސް އިސް ދައުރެއް އަދާކޮށްފައިވާ ޗެނެލްއެއް ކަމަށެވެ.

"އަޅުގަނޑަކީ ދި ޓީވީގެ ޕްލެޓް ފޯމުން ... އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު މިއަދު މި ހުރި ހިސާބަށްދާން، ދި ޓީވީއަކީ އަޅުގަނޑަށް [ވަރަށް މުހިންމު ވެހިކަލެއް]. އަދީބު ވިދާޅުވި އެވެ.

މިނިސްޓަރު އަދީބު ވިދާޅުވީ ރާއްޖެ ވަރުގެ މިނިވަން މީޑިއާއެއް އޮތް ގައުމެއް ދުނިޔޭގައި ވެސް ނޯންނާނެ ކަމަށާއި އަދި އެއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް އެންޑޯސް ކުރައްވާ ކަމެއް ކަމަށެވެ.

"ރައީސް ވެސް ތަކުރާރުކޮށް ވިދާޅުވޭ އަޅުގަނޑުމެން ސިޔާސީ މަގާމުތަކުގައި ތިބޭ އިރު މީޑިއާ އިން ޖެހޭނެޔޭ ފާޑުކިޔަން. ފާޑުކިޔުމަކީ ކުރިއެރުމެއް، ފާޑުކިޔަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ މިއަދު ސިޔާސީ މަގާމުތަކުގައި ތިބެން ޖެހޭނީ މީޑިއާ އިން ފާޑުކިޔުމުން އެކަންކަން ބަލައިގަނެވޭނެ ވަރުގެ ބޭފުޅުން ކަމަށާއި މީޑިއާ އިން ފާޑުކިޔުމުން އެކަންކަން ހަޖަމު ކުރެވެން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ހަފްލާއި ދިޓީވީގެ ސީއީއޯ އަދި އެޑިޓަރު މިދުހަތު އާދަމް ވިދާޅުވީ ދި އެކްސްޓްރާއަކީ މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތަކާއި ދި ޓީވޯގެ ރި ޕީޓް ޕްރޮގްރާމް ގެނެސްދޭނެ ޗެނެލްއެއް ކަމަށެވެ.