ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނަންފުޅު ނުހިމަނައި ހާޒިރީ ރިޕޯޓު އާންމު ކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވަނިކޮށް، އާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ނަންފުޅު މެމްބަރުންގެ ހާޒިރީ ރިޕޯޓުގައި ހިމަނަން ފައިފި އެވެ.

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މަޖިލީހުގެ ރައީސްކަން ކުރެއްވިއިރު، އެމަނިކުފާނުގެ ނަންފުޅު ނުހިމަނައި މެމްބަރުންގެ ހާޒިރީ ރިޕޯޓު މަޖިލީހުގެ އިދާރާއިން ދިޔައީ އާންމު ކުރަމުންނެވެ. އެމަނިކުފާ ނަންފުޅު މަޖިލީހުގެ ހާޒިރީން އުނިކުރަން ފެށީ 2013 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ހާޒިރީ ރިޕޯޓުތަކުގައި ޝާހިދުގެ ނަންފުޅު ހިމަނުއްވާފައިވެ އެވެ.

އާ މަޖިލީހުގެ ފުރަތަމަ ދައުރުގެ ހާޒިރީ ރިޕޯޓުގައި ޝާހިދުގެ ނަންފުޅު ހިމަނާފައިވާއިރު، އެމަނިކުފާނު ވަނީ ހާޒިރީގެ ފުލަށް ވެއްޓިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގައި ބޭއްވި 30 ޖަލްސާގެ ތެރެއިން ޝާހިދު ވަޑައިގެންނެވީ 13 ޖަލްސާއަކަށެވެ. އަދި 17 ޖަލްސާއަކަށް އެމަނިކުފާނު ވަޑައިނުގަންނަވަ އެވެ.

ހާޒިރީން ދައްކާ ގޮތުން މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހު ވަނީ މަޖިލީހުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގެން، ހާޒިރީގެ ކުރިން ޖާގަ ހޯއްދަވާފަ އެވެ. ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2013 ވަނަ އަހަރު ބޭއްވި 67 ޖަލްސާގެ ތެރެއިން މަސީހު ވަޑައިގެންނެވީ 61 ޖަލްސާއަކަށެވެ. އެމަނިކުފާނު މަޖިލީހަށް ވަޑައިނުގަންނަވަނީ ހަ ޖަލްސާ އަކަށެވެ.