31 Aug 2014, 14:12
ހުވަދޫ ކަނޑުގެ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން އުދުހެމުން އަންނަ އެމެރިކާ ސިފައިންގެ މަތިންދާބޯޓްތައް އުދުހުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީގެ ޑިރެކްޓަރު ޢަބުދުﷲ ރަޝީދު މިއަދު ވިދާޅުވީ އެމެރިކާ ބޯޓްތަކަށް މިހާރު ހުއްދަ ދީފައިވާ ކަމަށާއި ހުއްދަ ނުހޯދައި ނުވަނުމަށް ޑިއާގޯ ގާސިއާގައި ތިބޭ އެމެރިކާ ސިފައިންނަށް މިހާރު އަންގާފައި ވާނެ ކަމަށެވެ.
"... އެއީ އެމެރިކާގެ ބޯޓްތަކެއް. ޑިއަގޯ ގާސިއާ އިން އެ އަންނަނީ. މިހާރު އެ އުދުހެނީ ހުއްދަ ދީގެން. ކުރިން ވަދެ އުޅުނީ ހުއްދަ ނުހޯދައި. އަޅުގަނޑުމެން މިހާރު ވާނީ ޑިއަގޯ ގާސިއާ އަށް ލިއުމެއް ވެސް ފޮނުވާފައި، ރާއްޖޭގެ ސަރަހައްދަށް ވަންނަންޏާ ހުއްދަ ހޯދަން އަންގާފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެމެރިކާގެ މަތިންދާބޯޓްތަކުން ރާއްޖޭގެ ސަރަހައްދުގައި ކުރަނީ ކޮން ދިރާސާއެއް ކަމެއް ނޭނގޭ ކަމަށެވެ.
ހުވަދޫ ކަނޑުގެ މަތިން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އުދުހުނު މަތިންދާބޯޓްތަކެއް ހުވަދު އަތޮޅުގެ މަސްވެރިންނަށް ވަނީ ފެނިފަ އެވެ. އަދި ހަމަ އެ ދެ ދުވަހު ގޮތް ނޭނގޭ ޑިވައިސްތަކެއް ވެސް މަސްވެރިން ވަނީ ކަނޑުމަތިން ހޮވައިފަ އެވެ.