31 Aug 2014, 13:53
ކިޔަވައިދިނުމުގައި ދަރިވަރުން އަމަލީ ގޮތުން ބައިވެރި ކުރުމަށް އާ މަންހަޖުގައި ބާރު އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
އަތޮޅުތަކުގެ ކަރިކިއުލަމް އެމްބެސެޑާ ޓްރޭނީ ޕްރޮގްރާމް ފެށުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޅަފަތުގެ ތައުލީމާއި ފަށާ ތައުލީމުގެ މަރުހަލާގައި ދަރިވަރުން ދަސްކުރާ ތަކެތި ނުވަތަ ސިކުނޑީގައި ހަރުލާ ގިނަ މައުލޫމާތަކީ އެ ކުދިން ޝާމިލުކޮށްގެން އުންގަނައިދޭ ތަކެތި ކަމަށެވެ. އެ ސަބަބާ ހެދި ދަރިވަރުން އަމަލީ ގޮތުން ބައިވެރި ކުރުމަށް އާ މަންހަޖު ބާރު އަޅާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޒަމާނާ އެއްގޮތަށް ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި މުދައްރިސުން ފިލާވަޅުތައް ރާއްވާ ތައްޔާރު ވުމަކީ މަންހަޖުގެ އަސާސްތައް ކާމިޔާބު ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ކަރިކިއުލަމް އެމްބެސަޑަރުން ތަމްރީނު ކުރުމަށް ހިންގާ ޓްރެއިނިންގް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ނުވަ ވަރަކަށް އަހަރުގެ މަޝްވަރާ ތަކަށް ފަހު މިހާރު ފެށެނީ އެންމެ ބުރަ އެންމެ ސަމާލުކަންދޭން ޖެހޭ މަސައްކަތުގެ މަރުހަލާ ކަމަށެވެ. އެއީ ލިޔުނު އަސާސަތްކާއި އަމާޒުތަކާއި ގާބިލިއްޔަތުތައް އަށަގެންނެވުމުގެ މަރުހަލާ ކަމަށާއި އެކަން ކާމިޔާބު ކުރުމަށް ސްކޫލްތަކުގެ މުދައްރިސުންނާއި އިސްވެރިންގެ ވިސްނުން އެއްގޮތްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ދަރިވަރުންނަށް ހާސިލު ކޮށްދޭން ޖެހޭ ކަންކަމުގައި ސްކޫލްތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެން އެކަންކަން ހާސިލު ކޮށްދެވުމަށް މަސައްކަތް ކޮށްދެއްވާ މުދައްރިސުންނަށް މަގުދައްކަވައި މުވައްޒިފުންގެ މެދުގައި ރަނގަޅު ގުޅުމެއް ގާއިމުކޮށްދެއްވުމަކީ މަންހަޖުގެ އަސާސްތައް ގާއިމު ކުރުމަށް ކުރަން ޖެހޭ މުހިންމު މަސައްކަތެއް،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތައުލީމަކީ ފެންނަން ނެތް ޒަމާނަކަށް މީހަކު ތައްޔާރު ކުރުމާއި މާދަމާ އަށް ބޭނުންވާ ހުނަރުތައް މިއަދު އަށަގެންނެވުން ކަމަށެވެ. އަދި ބެލެނިވެރިންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދީ ގައުމު ފަހުރުވެރިވާ ފަދަ ދަރިވަރުން ބިނާކޮށް އަޅުގަނޑުމެންގެ ދީނާއި ސަގާފަތް ދިރުވާނެ ދިވެހި ދަރިން އުފެއްދުން ކަމަށެވެ.
"މިމަސައްކަތުގައި ދަތުރު ކުރަނީ އެއްކޮޅަށް ދުއްވާ މަގެއްގައި. ކުއްޖެއްގެ ހަޔާތުން ގެއްލޭ އެންމެ މިނެޓެއް ވެސް އެންމެ ދުވަހެއް ވެސް ހޯދަން ފަހަތަށް އަނބުރާ އުމަކީ ކުރެވެން އޮތް ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
މިމަހުގެ 31 އިން އަންނަ މަހުގެ ފަހަކަށް މާލޭގެ ތިން ސަރަހައްދެއްގައި އަތޮޅުތަކުގެ ކަރިކިއުލަމް އެމްބެސެޑާ ޓްރޭނީ ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.