31 Aug 2014, 13:50
ފަތާ ޓްރެކް ސަރަހަައްދުގައި ހުރި ކުނިތައް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލް އިން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލް މެމްބަރު ޝަމާއު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ ޓްރެކް ސަރަހައްދުގައި ހުރި ކުނިތައް ސާފު ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސަރަހައްދަށް ކުނި ވަންނަ ސަބަބު މިހާރު ހޯދިފައިވާ ކަމަށާއި އެ ސަބަބަކީ ކުނި ނުވަންނަ ގޮތަށް ޓުރެކް ސަރަހައްދުގައި ޖަހާފައިވާ ދަލެއް ހަލާކުވުން ކަމަށެވެ.
"ޓްރެކް ސަރަހައްދުގައި ފެންވަންދާ ސަރަހައްދުގައި ކުނި ނުވަންނަ ގޮތަށް ހަދާފައިވާ ދަލެއް އިނދޭ، މިހާރު އެވަނީ އެދާ ހަލާކުވެފައި،" ޝަމާއު ވިދާޅުވި އެވެ.
ޝަމާއު ވިދާޅުވީ އެދާ ހެދުމަށާއި ޓްރެކް ސަރަހައްދަށް ކުނި ވަނުން ހައްލު ކުރުމަށް ބަޖެޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ބަޖެޓް ނުލިބިއްޖެ ނަމަ އެހެން ގޮތެއް ހޯދައިގެން ވެސް އެ މައްސަލަ ހައްލުކުރާނެ ކަމަށެވެ.
ޓްރެކް ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު މޫދަށް އެރެމުންދާ އިރު އެ ސަރަހައްދުގައި ގިނަ އަދަދަކަށް ކުނި ހުންނަތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ގިނަ ބަޔަކު ދަނީ އެޝަކުވާ ކުރަމުންނެވެ.