31 Aug 2014, 13:39
ރާއްޖޭގެ ވައިގެ ސަރަހައްދުގައި ހުއްދަ ނެތި، ގޮތް ނޭނގޭ މަތިންދާބޯޓްތަކެއް އުޅުނު މައްސަލައިގައި އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީގެ ލީޑަޝިޕް އަލުން އިންތިހާބުވުމާ ގުޅިގެން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ވައިގެ ސަރަހައްދުން ގޮތް ނޭނގޭ މަތިންދާބޯޓްތަކެއް ފެނުނު މައްސަލައިގައި ސަރުކާރުން އެއްޗެއް ނުބުނުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަދި ވިދާޅުވީ އެ މައްސަލައިގައި ސަރުކާރުން އެއްޗެއް ނުބުނުމުން ދޭހަވަނީ އެކަމުގައި ސަރުކާރުގެ ސިއްރު އެޖެންޑާއެއް ގެންގުޅޭ ކަން ކަމަށެވެ.
"...ދިވެހި ރާއްޖޭގެ މިސަރަހައްދުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެސް، އަދި އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި އިނގޭތޯ ސަރުކާރަކަށް ވެސް މިވެގެން އުޅޭ ގޮތެއް ނޭނގި، ގޮތް ނޭނގޭ ފްލައިޓްތަކެއް އެބަ އުދުހޭ. އަޅުގަނޑު ގަބޫލުކުރާ ހިތެއް ނެތް، ސަރުކާރަށް ނޭނގި ކަމަކަށެއް. އެހެން ނަމަވެސް ސަރުކާރުން މިކަމުގައި އެއްޗެއް ވިދާޅުނުވުން އެއީ ސަރުކާރުން މިކަމުގައި ސިއްރު އެހެން ކަންތައްތަކެއް ގެންގުޅޭ ކަމަށް އަޅުގަނޑުމެންނަށް ބެލެވޭ ކަމެއް،" ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމުގައި ސަރުކާރުން ބަހެއް ނުބުނަންޏާ ރައްޔިތުން ކަންބޮޑުވާނެ ކަމަށެވެ.
"... ދިވެހި ސަރުކާރުން މިކަމުގައި އެއްޗެއް ނުބުނަންޏާ މީއެއްނޫންތޯ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމަކީ. މި ވައިގެ ތެރޭގައި ގޮތް ނޭނގޭ މަތިންދާބޯޓްތަކެއް އުދުހޭ ވާހަކަ މިހާރު މިދައްކަނީ. ކޮން ބަޔަކަށް މިގައުމު ކީއްކުރަން ދީގެންތޯ މިއުޅެނީ؟ މިތަނުގައި ކޮން ފަދަ ކަމެއްތޯ މިކުރަނީ؟ ރައްޔިތުން ބިރުގަނޭ އެބަ،" އޭނާ ވިދާޅުވި އެވެ.
ހުވަދޫ ކަނޑުގެ މަތިން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އުދުހުނު މަތިންދާބޯޓްތަކެއް ހުވަދު އަތޮޅުގެ މަސްވެރިންނަށް ވަނީ ފެނިފަ އެވެ. އަދި ހަމަ އެ ދެދުވަހު ގޮތް ނޭނގޭ ޑިވައިސްތަކެއް ވެސް މަސްވެރިން ވަނީ ކަނޑުމަތިން ހޮވާފަ އެވެ.