31 Aug 2014, 13:36
ލިވަޕޫލްގެ ޑިފެންޑަރު ޑޭނިއަލް އެގާ އޭނާގެ ޅައުމުރުގައި ކުޅުނު ޓީމް ކަމަށްވާ ޑެންމާކުގެ ބްރޮންޑްބީއަށް އަލުން ގުޅިއްޖެ ކަމަށް ލިވަޕޫލުން ބުނެފި އެވެ.
ލިވަޕޫލަށް މިހާތަނަށް 232 މެޗު ކުޅިފައިވާ އެގާ އެޓީމާ ގުޅިފައިވަނީ ހަ މިލިއަން ޕައުންޑުގެ ފީއަކަށް 2006 ވަނަ އަހަރު އެވެ.
ސައުތުހެމްޕްޓަންގެ ޑޭޖަން ލޮވްރެން ވިހި މިލިއަން ޕައުންޑަށް ލިވަޕޫލަށް ސޮއިކުރުމާއެކު އެޓީމުގައި އެގާގެ މުސްތަގުބަލު ވަނީ ބަނަވެފައެވެ.
ލޮވްރެން ލިވަޕޫލާ ގުޅުމުން ސްކޮޑްގައި ހިމަނަން އެޓީމުގެ ކޯޗު ބްރެންޑަން ރޯޖާސްއަށް ތިން ސެންޓަބެކް ޑިފެންޑަރުން ތިއްބެވެ. އެގާ އާއި ލޮވްރެންގެ އިތުރުން ދެން ހުރީ މެމަޑޫ ސާކޯ އެވެ.
ބްރޮންޑްބީގައި އަދިވެސް "އެގާ" އަކީ މަޝްހޫރު ނަމެކެވެ. އެގޮތުން އެޓީމުގެ ސަޕޯޓަރުން އެގާއަށް ސަޕޯޓުކުރަން ލިވަޕޫލް ކުޅޭ މެޗުތައް ބަލަންދާކަމަށް ވެއެވެ.
ބްރޮންޑްބީގެ ޗެއާ ޕާސަން ޖޭން ބެކް އެންޑަސަން މި މަހުގެ ކުރީކޮޅުގައި ވަނީ އެގާ ބްރޮންޑްބީއަށް ގެންނަން ބޭނުންވާކަން ހާމަކޮށްފައެވެ. އަދި ހޯމަ ދުވަހުގެ ޓްރާންސްފާ ޑެޑްލައިންގެ ކުރިން މިވަނީ ޑީލް ކާމިޔާބު ކޮށްފައެވެ.
އެއް އަހަރުގެ ނާކާމިޔާބަށްފަހު އެގާ ބްރޮންޑްބީއަށް ބަދަލުވުމުން އޭނާގެ ފިޓްނަސްއާއި ފޯމް އަލުން ގެނެވޭނެ ކަމަށް ބެލެވެއެވެ.
އިންޖަރީއާ ގުޅިގެން ޕްރިމިއާ ލީގުގެ މިދިޔަ ސީޒަންގައި އެގާއަށް ލިވަޕޫލުގައި ކުޅެވިފައި ވަނީ އެންމެ 16 މެޗެވެ. އަދި މިދިޔަ ސެޕްޓެމްބަރުގައި މޭ ކަށިގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އެގާއަށް ލިވަޕޫލްގެ ފުރަތަމަ 11ގެ ފުރުސަތު ގެއްލެން ފެށިއެވެ.
އަދި މިއަހަރުގެ ޖެނުއަރީގައި ކުޑަ ކަޅުވާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަ ހަފްތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން އެގާއަށް ޖެހުނެވެ.