ލަނޑުޖެހުމުގައި ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޯނާލްޑޯއާ ވާދަކުރަމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލައިނަލް މެސީއަށް މިދިޔަ ވޯލްޑް ކަފުގެ ގޯލްޑަން ބޯލް އެވޯޑް ހައްގު ނޫން ކަމަށް ރޮނާލްޑޯ ބުނެފި އެވެ.

މަޖާ ރާގަކަށް ރެއާލް މެޑްރިޑްގެ ތަރި ބުނީ، ހަގީގަތުގައި މެސީ އާއި ދޭތެރޭގައި ދެކޭ ގޮތް އޭނާ ހަމަކޮށްފި ނަމަ ޖަލަށް ދާން ޖެހިދާނެ ކަމަށެވެ.

"ހިތަށް އަރާ ހުރިހާ އެއްޗެއް ބުނާ ނަމަ އަހަރެން މިހާރު ހުންނާނީ ޖަލުގައި،" މެސީއަށް ލިބުނު އެވޯޑާބެހޭގޮތުން ޓީވީއައި އިން ކުރި ސުވާލުގެ ޖަވާބުގައި ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލް އިންޓަނޭޝަނަލް ވަނީ މެސީއަށް ވޯލްޑް ކަޕު 2014 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދިނުމާ މެދު ބަހުސު ކުރެވިދާނޭ ކަމަށް ބުނެފައެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕުގައި ގޯލްޑަން ބޯލް ހައްގުވާ ވަރުގެ ކުޅުމެއް މެސީއަށް ދެއްކިފައި ނުވާކަމަށް، މިހަފުތާގައި ޔުއެފާ އަހަރުގެ މޮޅު ކުޅުންތެރިޔާ އެވޯޑް ހާސިލް ކުރި ރޮނާލްޑޯ ބުންޏެވެ.

މީގެ އިތުރުން އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މެރެޑޯނާ ދެކޭގޮތުގައި ފީފާއިން މެސީއަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ދީފައި ވަނީ "ކޮމާޝަލް" ސަބަބުތަކާ ހުރެއެވެ.

މެސީ އާއި ރޮނާލްޑޯގެ މި ވާދަވެރިކަން ދަނޑު މަތީގައާއި ދަނޑުން ބޭރުގައިވެސް އޮންނަތާ މިހާރު ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. އަދި އެންމެ ފަހުން ދިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ ހާސިލްކުރި އިރު މެސީ ވަނީ އެ އެވޯޑް ޖެހިޖެހިގެން ހަތަރު ފަހަރު ހޯދައިފައެވެ.