ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އާއި ފެލިވަރު ފިޝަރީޒް މޯލްޑިވްސް އުވާލަން ނިންމައި އެ ދެ ކުންފުނިން ކުރަމުންއައި މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ)ގެ ދަށަށް ބަދަލުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ އެބަދަލާ އެކު މިފްކޯގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލުން އެކުލަވާލައްވައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މ. ސަންބީމް އަދުލީ އިސްމާއީލެވެ. ޗެއާޕާސަން ކަމުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ގ. ސެރެނޭޓު ހަސަން ރަޝީދެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އަނެއް ތިން މެމްބަރުންނަކީ ގއ. ކޮލަމާފުށީ ދޮންވެލި ޝުއާއުﷲ ސައީދާއި މާލޭ ދަފްތަރު 8802 އަބްދުﷲ އަހްމަދުގެ އިތުރުން ޅ. ހިންނަވަރު އާހިޔާ އަލީ ޝަރީފް ހުސައިނެވެ.

އެބޭފުޅުންގެ ތެރެއިން ހަސަން ރަޝީދަކީ ކުރިން ފެލިވަރު ބޯޑުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ޝުއާއު އަކީ ކޫއްޑޫގެ ބޯޑުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ގއ. ކޫއްޑޫ އާއި ޅ. ފެލިވަރުގައި ކުރަމުން އައި އެންމެހައި މަސައްކަތްތައް ކުރަމުން އައީ މިފްކޯގެ ދަށުންނެވެ. ނަމަވެސް 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެޑައިގަތުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޫއްޑޫ އާއި ފެލިވަރުގެ ނަމުގައި ދެ ކުންފުންޏެއް އުފައްދައިފަ އެވެ.