މާލޭގެ ގެސްޓު ހައުސްއެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކާއި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.

ގެސްޓު ހައުސް އެއްގެ ތެރޭ މިދިޔަ ބުދަ ދުވަހުގެ ރޭ އަންހެނަކު ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 23 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެމައްސަލައިގައި ހައްޔަރު ކުރި 27 އަހަރުގެ މީހާއަކީ ސިފައިންގޭގައި ވަޒީފާ އަދާ ކުރާ މީހެކެވެ.

އެމްއެންޑީއެފުން ބުނެފައި ވަނީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސިފައިންގެ މީހަކު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ދެ މީހުން ހައްޔަރު ކުރީ އެ ހާދިސާ ހިނގިތާ ޖެހިގެން އައި ދުވަހު ކަމަށެވެ. އަދި އުމުރުން 23 އަހަރުގެ މީހާ ލ. ފޮނަދޫން ހައްޔަރު ކުރި އިރު 27 އަހަރުގެ މީހާ ހައްޔަރު ކުރީ މާލެއިންނެވެ. ފުލުހުން ބުނީ 23 އަހަރުގެ މީހާގެ ބަންދަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށާއި އަދި 27 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.